ދުނިޔެ އިންގިލާބު ކޮށްލި ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އަށް ފާރަވެރިވާނެ ބޮޑީއެއް ނުވަތަ އިދާރާއެއް އދ ގައި ހަދަން ވިސްނަން ފަށައިފިއެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ފަދަ އިދާރާއެއްގެ މުހިންމު ކަމުގެ ވާހަކަ ފާހަގަ ކުރައްވަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ، އޭއައި އަކީ، އޭގެ ދާއިރާ ފުޅާވާމުން ދާ މިންވަރަށް ބަލާއިރު މިހާރު ފާރަވެރިވާން ޖެހޭ ޓެކްނޮލޮޖީއެއް ކަމަށެވެ.

އޭއައިގެ ބިރު ޑިމޮކްރަސީތަކަށް ކުރިމަތިވަމުން ދާ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ދޮގު މައުލޫމާތާއި ނަފްރަތު އުފެއްދުމަށް އޭއައިގެ ބޭނުން ހިފާކަން ފާހަގަ ކުރެއްވިފައި ވާ ކަމަށާއި، އެހެން ކަމުން އޭއައި އަށް ފާރަވެރިވާނެ އިދާރާއެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމަށެވެ.

ގުޓަރެސް މި މޭރުމުން ވާހަކަ ދައްކަވާ، އެފަދަ އިދާރާއެއް ހެދުމަށް ތާއީދު ކުރެއްވީ، އާޓިފިޝަލް އިންޓެލިޖަންސްގެ ދާއިރާއަށް ނިސްބަތްވާ ބައެއް އެގްޒެކެޓިވުން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފި ނަމަވެސް އޭގެ ނަހަމަ ބޭނުން ކުރުން އިތުރުވަމުން އަންނަ ކަމަށާއި އެއީ އިންސާނީ ހައްގުތައް ފަދަ ހައްސާސް ދާއިރާތައް ވެސް ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް ކަމަށެވެ.

މީގެ 6 އެއްކަ މަސްކުރިން ވުޖޫދުވި ޗެޓްގީޕީޓީ އައުމާއެކު ޓެކްނޮލީގެ ދާއިރާތަކުގައި މަސައްކަތް ކުރާ ބޮޑެތި އަދި ކުދި ކުންފުނިތަކުން ދަނީ އޭއައި ޓެކްނޮލޮޖީ ތަރައްގީކޮށް ފުޅާ ކުރަމުންނެވެ. އޭއައި އަކީ، މިއަދު ވަރަށް ބޮޑަށް ފުޅާވެފައި ވާ ޓެކްނޮލިޖީއަކަށް ވާއިރު، ސިޓީ ލިޔުން، ކުރެހުން، ސުވާލާއި ޖަވާބު ދިނުން، ކޯޑު ކުރުން، ވެބްސައިޓް ހެދުން، ހަބަރު ލިޔުން، އަދި ވީޑިއޯ އާއި ފޮޓޯ ހެދުން ފަދަ ކިތަންމެ ކަމެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލެވޭ ޓެކްނޮލޮޖީއެކެވެ.

ތަފާތު އެކި ސިނާއަތްތަކުގައި ވެސް މިހާރު ފުޅާ ދާއިރާއެއްގައި އޭއައި ބޭނުން ކުރާ އިރު، ސިއްހީ ދާއިރާ ވެސް މިހާރު އިންގިލާބު ކުރަމުން ދަނީ އޭއައި ޓެކްނޮލޮޖީއެވެ. ބަލިތައް ދެނެގަތުމާއި، ފަރުވާ އާއި، ބަލި މީހަކު މަރުވެދާނެ ޕޮސިބިލިޓީސް [ގޮތްތައް އަދި ހާލަތުތައް] ބުނެދިނުން ފަދަ ކިތަންމެ ބަދަލެއް އޭއައި ގެނެސްފިއެވެ.

މީހުންގެ އަސްލު ސިފައާއި މީހުންގެ އަސްލު އަޑު ނަކަލު ކޮށްގެން، އެމީހަކު ދެއްކި ވާހަކައެއް ނުވަތަ ކުރި ކަމެއްކަން އާންމު މީހާއަށް އޮޅޭހާ ފުރިހަމައަށް އޭއައި އިން އިމޭޖް [ފޮޓޯ އާއި ވީޑިއޯ] އުފައްދާ ހެދެއެވެ.

އދ ގެ ސަމާލުކަމަށް އޭއައިގެ ނުރައްކާ އައިސްފައި ވާ އިރު، އޭއައިގެ ގޮންޖެހުން ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމަށާއި މުޅި އިންސާނިއްޔަތަށް ފޯރަފާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެމުން ގެންދާތާ ކިތަންމެ ދުވަހެކެވެ.

އެންމެ ފުޅާ ދާއިރާއެއްގައި އޭއައި ކުރިއަރަމުން އަންނަ ސައިންސް އާއި ޓެކްނޮލޮޖީގައި މިހާރު އީޖާދު ކުރަމުން ދާ ވަސީލަތަކީ، އެތައް ބިލިއަން ބައެއްގެ ސިއްހީ މައުލޫމާތު އޭއައި އަށް ލޯޑްކޮށް [މައުލޫމާތު އެޅުން] އެ މައުލޫމާތުގެ އެހީގައި ބަލި މީހަކަށް ދޭން ވީ ފަރުވާ އާއި ހާލަތު ދެނެގަތުމުގެ ގާބިލުކަމާއި، ސީދާ ބައްޔަށް ބޭސް އުފެއްދުމުގެ ކުޅަދާނަކަން ހޯދުމެވެ. އެގޮތުން ސައިސްވެރިން ވަނީ، އެންޓިބައޮޓިކަށް ނުގުޑާ އެންމެ ނުރައްވާ 3 ވައިރަހުގެ ތެރެއިން ވައިރަސް އެއް މަރާލާނެ އާ އެންޓިބައޮޓިކެއްވެސް އޭއައިގެ އެހީގައި ހޯދާފައެވެ.

ގުޓަރެސް ވިދާޅުވީ، އަހަރުގެ ފަހުކޮޅަށް ދާ އިރު، އެޖެންސީއެއްގެ ހިޔާލު ތަރައްގީ ކުރުމަށް ހައި ލެވަލްގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި އާޓިފިޝަލް އިންޓެލިޖަންސް އެޖެންސީ އެއްގެ ހިޔާލަކީ އޭނާ އަށް ވަރަށް ކަމުދާ ހިޔާލެއް ކަމަށެވެ.