ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތް މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ ފުރަތަކަ ކަމަކަށް އޮތީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ، ސިޔާސީ ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެމްބަރުން ތަމްސީލު ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ކުރިއަށް ގެންދިއުމެވެ.

ކޮމިޓީތަކުގެ މައްސަލައިގެ އިތުރުން ބައެއް ބިލުތަކާއި މެންބަރުން ހުށަހަޅާފައިވާ ބައެއް ގަރާތުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް އެޖެންޑާ ކޮށްފައިވެއެވެ.

އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ އެކު، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭނެ ކަމަށް ނިންމައިފައެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އޮންނާނެ ގޮތަކާ މެދު ސިޔާސީ ޕާޓިތަކުގެ މެދުގައި އެއްބަސް ނުވެވޭތީ ކޮމިޓީތައް އޮތީ އެކުލަވައި ނުލެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފަ އެވެ. މިއަދުގެ ޖަލްސާ ވެސް ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

މަޖިލީހުގެ އަމީން އާންމު ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އަޔަ ނުދެއްވުމަށްޓަކައި، މަޖިލީހަށް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެއްދި ހިސާބުން މަގާމުން އެއްފަރާތްވެ، ދެއްވި ޔަގީންކަމާއި އެއްގޮތަށް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހިކޮށްދެއްވުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.