ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ބާއްވާ ކޮޓަރިތައް މީގެ ކުރިން ތަޅުލާފައި ނުހުންނަ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ނާޝިޒް މިފަދައިން ވިދާޅުވެފައި ވަނީ، "ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށް ނުދާ ހުރިހާ ވަގުތުތަކެއްގައި ވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމަށް" މަޖިލީހުގެ އިދާރާއިން ބުނުމާ ގުޅިގެން އެކަން ދޮގު ކުރައްވައެވެ.

މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ގެންދާ ހުރިހާ ކޮޓަރިތަކެއް ވެސް ތަޅުލާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވުމުން އެކަން ނަފީކޮށް މީޑިއާ ތަކުގައި ދޮގު ހަބަރު ފެތުރި ކަމަށް ދޭހަވާ ގޮތަށް މަޖިލީހުން ވަނީ ޓްވީޓް ކޮށްފައެވެ.

އެކަމާ ގުޅިގެން ނާޝިޒް ވިދާޅުވީ އެއީ [މަޖިލީހުން ބުނާވާހަކަ އަކީ] ދޮގެއް ކަމަށާއި މީގެ ކުރިން ދުވަހަކުވެސް ކޮމިޓީ ބާއްވާ ކޮޓަރިތައް ތަޅުލާފައި ނުހުންނަ ކަމަށެވެ. އަދި ކޮމިޓީ ހިނގާ ވަގުތުތައް ފިޔަވާ، ކޮމިޓީ ރޫމްތަކުގައި އެއްވެސް އިރެއްގައި ލިޔެކިޔުން ނުހުންނާނެ ކަމަށާއި އެ ލިޔެކިޔުންތައް ހުންނާނީ ކޮމިޓީ ސެކްރެޓޭރިއެޓްގެ ބެލުމުގެ ދަށުގައި ކަމަށްވެސް ނާޝިޒް ވިދާޅުވިއެވެ.

ވެރިކަން ކުރާ އެމްޑީޕީން މަޖިލީހުގެ 13 މެންބަރަކު ވަކިވެ، މެންބަރުން މަޖިލީހުގައި ތަމްސީލުކުރާ ގޮތަށް ބަދަލު އައުމުން، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ވަނިީ އަލުން އެކުލަވާލަން ޖެހިފައެވެ. ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އީވާގެ މައްސަލަ މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ އެޖެންޑާވެސް ކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރައްވާފައިވަނީ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތު ބަލަހައްޓަން ޖެހޭނީ ރައީސް ކަަމަށްވާއިރު ރައީސް ނަޝީދު ވަނީ އެކަމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.