އިތުބާރު ނެތް ރައީސަކާއި ނައިބު ރައީސަކު ރައްޔިތުންގެ މަޖިލީސް ހައިޖެކްކޮށްފައި ވާކަމަަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށްޓަކައި ހުށަހަޅާފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެ ވަޑައިގަތުމުން، ރިޔާސަތުގައި އިންނަވާނެ ބޭފުޅަކު ހަމަޖެހެންދެން ޖަލްސާ ފެށުން ވަނީ ފަސްކޮށްފައެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި ވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މަޖިލީހުގެ އެމްޑީޕީ މެންބަރުން ރައީސް ނަޝީދާއި އީވާގެ އިސްތިއުފާއަށް ގޮވަމުން އަންނައިރު ރޮޒައިނާ ވިދާޅުވީ އިތުބާރު ނެތް ރައީސަކާއި ނައިބު ރައީސަކު މަޖިލީހުގައި 'ބަގުޑި ބައްދައިގެން' މަޖިލީސް ހައިޖެކްކޮށްފައިވާ ކަމަށެވެ. "އިސްތިއުފާއެއް ނުދެއްވާ. އެކަމަކު ރިޔާސަތަށް އަރަން އުޒުރުވެރި" ރޮޒައިނާ ވިދާޅުވިއެވެ. އިތުރަށް ރޮޒައިނާ ވިދާޅުވީ މުސާރައާއި އިނާޔަތްތައް ނަގަން އުޒުރުވެރި ނުވާކަމަށެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި ވާއިރު، މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ މެދު ވަކި ގޮތެއް ނުނިމެނީސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.