މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ފެނުނުތާ ކުރީ ކޮޅުގައި، ޑިއެގޯ ގާސިއާ ކައިރިން ބޯޓެއް ރާޑަރަށް އެރިއެވެ. ހުއްދަ ނެތި އެކަކުވެސް އެރުން މުޅިން މަނާ، އެމެރިކާ އާއި ޔޫކޭގެ އަސްކަރީ ބޭހުގައި ތިބި ސިފައިންގެ ރާޑަރުން އެ ބޯޓަށް ފެއްސިގެން ދެވޭނެ ގޮތެއް ނުވިއެވެ.
89 މީހުން ތިބި އެ ބޯޓު އަތުލައިގަނެގެން ގެންދިޔައީ ޑިއެގޯ ގާސިއާ އަށެވެ. އެއީ ލަންކާގެ ތަމަޅައިގެން ތިބި ބޯޓެކެވެ. އެބޯޓުގައި ތިބި މީހުންނާ ހަވާލާ ދީ ބައެއް ރިޕޯޓްތައް ބުނެފައި ވަނީ އެމީހުން ލަންކާއިން ފުރީ، އެމީހުންގެ މައްޗަށް އުފުލާފައި އޮތް ދައުވާތަކަކަށް ފިލަން ކަމަށާއި، ޑިއެގޯ ގާސިއާ އަށް ދިޔުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.
އެއީ ތެދެއްކަން އެނގެނީ، އެބޯޓުގައި ހުރި ޖީޕީއެސްއާއި ޗާޓުތަކުގައި ޖަހާފައި ހުރި ފާހަގަތަކާއި މައުލޫމާތުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެމީހުންގެ މިސްރާބު ހުރި ކެނެޑާއަށް ދާށެވެ. ކެނެޑާ އަކީ ތަމަޅައިން ވެސް ދިރިއުޅޭ ގައުމަކަށް ވެފައި ތަމަޅައިންގެ އެކި އީދުތަކާއި ދުވަސްތައް ވެސް ފުޅާ ދާއިރާއެއްގައި ފާހަގަ ކުރާ ގައުމަކަށް ވާތީ، އެގައުމުން ހިމާޔަތް ލިބުމުގައި ފަސޭހަވާނެ ކަމަށް ބެލެވޭތީއެވެ.
ބޯޓުގައި ހުރި މީހަކާ ހަވާލާދީ ބީބީސީން ބުނެފައި ވަނީ، ޑިއޭގޯ ގާސިއާ އާ ދިމާއަށް ދެވުނީ، ދަތުެުގެ ދެމެދުން އިންޖީނަށް މައްސަލައެއް ދިމާވެ ހުއްޓުމުން، ފަރާތްފަރާތް ހޯދަނިކޮށް އަލިކަމެއް ފެނިގެން އެދިމާއަށް މިސްރާބު ޖެހުމުން ކަމަށެވެ.
އެ އަނދިރި ކަމުގައި ކުރިމައްޗަށް ހުރަސް ކޮށްލީ، މާސިންގާ ރޯޔަލް ނޭވީގެ ބޮޑު މަނަވަރެއް ކަމަށާއި، އޭގައި ކަފުޖަހައިގެން ގެންގޮސް އެންމެން އެރުވީ ޑިއޭގޯ ގާސިއާ އަށް ކަމަށެވެ. ބައިތިއްބާފައި ތިބީ ވަގުތީ ޓެންޓް ތަކެއްގައި ކަމަށާއި، އެތާ ތިބޭތާ 20 މަސް ދުވަސް ވީ އިރު، ލައްކަ އަހުވަ ލިބި ހާލެއްގައި އުޅެން ޖެހިފައި ވާ ކަމަށް އޭގެ ތެރެއިން ބަޔަކާ ހަވާލާދީ ބީބީސީގައި ރިޕޮޓް ކޮށްފައި ވެއެވެ.
ބީބީސީން އެ މައުލޫމާތު އެއްކޮށްފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުންނެވެ. އިތުރަށް ބީބީސީން ބުނީ، ތަމަޅައިން ޑިއޭގޯ ގާސިއާގައި ތިބި އިރު، އެތާ އެވަގުތު އިސްކޮށް ހުރި އިނގިރޭސި ކޮމާންޑަރަށް ސިޓީއެއް ލިޔުނު ކަމަށާއި އެ ސިޓީގައި އެމީހުން ބަޔާން ކުރީ، އެމީހުންނަކީ 2009 ގެ ތަމަޓަ ޓައިގަރުންގެ ހަނގުރާމައިގެ ލީޑަރާ ގުޅުން އޮންނަ ބައެއް ކަމަށް ބަލާއި ދައުވާ އުފުލާފައި ވާ ކަމަށާއި ބައެއް މީހުންނަށް ޖިންސީ ގޯނާވެސް ލިބިފައި ވުމުން، ފިލައިގެން ފުރިތާ 18 ދުވަސް ވެއްޖެ ކަމަށާއި އިނގިރޭސީންގެ ކިބައިން އެދެނީ އެމީހުން ރައްކާތެރި ތަނަކަށް [ގައުމަކަށް] ހިމާޔަތް ދޭން ގެންގޮސް ދިނުމަށް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަވާ ޑައިރެކްޓާ އޮފް އޯވަސީސް ޓެރިޓޮރީސް ޕައުލް ކޭންޑްލާ ވަނީ އެއީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓޮރީ (ޑިއޭގޯ ގާސިއާ) ގައި ހިމާޔަތަށް ބަޔަކު އެދުނު ފުރަތަމަ ފަހަރު ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މީޑިއާ އަށް ތިލަވި ރިޕޯޓްތަކަށް މައުލޫމާތު ދެއްވަމުންވެސް އެ ކަން ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.
ބީބީސީގެ ރިޕޯޓް ބުނާ ގޮތުން، އެމީހުން އެތާނގައި ތިބީ ދުނިޔެއާ ގުޅުން ކެނޑިފައެވެ. ވާނުވާގައި އެތައް މަހެއް ވެގެން ދިޔަ އިރު ބައެއް މީހުން އަމިއްލަ އަށް މަރުވާންވެސް މަސައްކަތް ކޮށްފައި ވާ ކަމަށް ބުނެއެވެ. ދުވަސްތައް ފާއިތުވެ ދިޔަ ވަރަކަށް އިތުރު ބޯޓުތައް ކަނޑުމަތިން ފެނި އަތުލައިގަނެ ގެންދާ ކަމަށާއި، މިހާރު ޑިއެގޯ ގާސިއާގެ ޓެންޓް ތަކުގައި 150 މީހުން ތިބި ކަމަށް ވެސް ބުނެއެވެ.
އެ ޓެންޓް ތަކުގައި ނުވަތަ ކޭމްޕްގައި ހުރި މީހާކާ ބައްދަލުވެ ބީބީސީން ކުރި އިންޓަވިއުއެއްގައި ލަކްޝަނީ (އަސްލު ނަމެއް ނޫން) ކިޔާ މީހަކު ބުނެފައި ވަނީ، އެއީ ޖަޒީރާ ރަށްތަކެއްގެ މަލަމަތީގައި އޮތް "ނަރަކަ" އެއް ކަމަށެވެ. އޭނާ އާ ހަވާލާދީ ބީބީސީ ބުނީ، އެމީހުން އޮކްޓޯބަރުގައި ބެހިގެން ދިޔަ އިރު، އެ ބޯޓުން އޭނާ އާ އެކު ދަތުރު ކުރި ފިރިހެނަކު އޭނާގެ އިއްފަތް ފޭރިގަން ކަމަށެވެ. އަދި ޑިއޭގޯ ގާސިއާގައި ޓެންޓްގައި ހުރި އިރުވެސް ހުންނަން ޖެހުނީ އޭނާ އާ އެއްޓެންޓެއްގައި ކަމަށާއި، އިއްފަތް ފޭރޭ އިރު ބާރަށް ރޮއި ހަޅޭލެވިނަމަވެސް އަޅާލާނެ މީހަކު ނުވާ ކަމަށެވެ. އަދި އެ ހާދިސާ އޮފިސަރުންނަށް ރިޕޯޓު ކުރުމުން ވެސް ދޭ ޖަވާބަކީ، ހެދުން ދޮއިގެން ހުރީމައި ހެކި ހޯދަން އުނދަގޫވާނެ ކަމަށެވެ. އަދި އެގޮތަށް އެމީހާ އާއެކު އެއް ޓެންޓްގައި ހަފްތާއެއް ވާންދެން ހުންނަން ޖެހުނު ކަމަށާއި އެހެން ތަނަކަށް ބަދަލު ކުރީ ލައްކަ އާދޭހައި ރުއިމަށް ފަހުގައި ކަމަށެވެ.
އޭނާ އިތުރަށް ބުނީ، އޭނާ އަށް ފެނުނު ތަނުގައި އަދި ފެންނަ ހިސާބުގައި އެތައް ބަޔަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި އަމިއްލަ ނަފްސަށް އަނިޠާ ދިނުމުގެ އިތުރުން، އެކި އެއްޗެހި ދިރުވާލައިގެން އަމިއްލައަށް ނޭވާ ހާސްކޮށްލައިގެން ވެސް އުޅެފައި ވާ ކަމަށެވެ.
މިހާރު މި މައްސަލަ ފެންމަތިވެ މިކަމުގައި ލޯޔަރުން ވެސް ބައިވެރި ވާ އިރު ބައެއް ލޯޔަރުންނާ ހަވާލާދީ ނޫހުން ބުނީ، 12 މީހަކު އަމިއްލަ އަށް މަރުވާން އުޅުނު ކަމަށާއި، ޖިންސީ ގޯނާގެ 2 ހާދިސާއެއް ހިނގާފައި ވާ ކަމަށެވެ.
ބީބީސީއާ ވާހަކަ ދެއްކި އެހެން 2 މީހަކުވެސް ބުނެފައި ވަނީ، އެމީހުންނަށް ޑިއޭގޯ ގާސިއާގެ ކޭމްޕްގައި ޖެހެމުން ދިޔަ ހާލަކީ ކެތް ކުރެވޭ ވަރުގެ ހާލަތެއް ނޫން ކަމަށާއި، ދުނިޔޭގެ އެއްވެސް ތަނަކާއި އެއްވެސް މީހަކާ ގުޅުމެއް ނެތް ވަލު ޖަނަވާރުންތަކެއް ފަދައިން ތިބި ބައެއް ކަމަށެވެ.
މި މައްސަލަ މިހާރު އިނގިރޭސިވިލާތުގެ ކޯޓުގައި ހިނގަމުން ދާ އިރު، އެއްބަޔަކު ވަނީ ކޭމްޕުން މިންޖުވެ އަނބުރާ ލަންކާއަށޤ ގޮސްފައެވެ. އަނެއް ބަޔަކު ދިޔައީ ހިމާޔަތް ހޯދައިގެން ރިޔޫނިއަން އައިލޭންޑް އަށެވެ. މިވަގުތު ކޭމްޕްގައި 60 ތަމަޅައިން ތިބި އިރު، އެމީހުން އުއްމީދު ކުރަނީ އެމީހުންނާ ގުޅޭ ގޮތުން ކޯޓުގައި ހިނގަމުން ދާ މައްސަލަ ނިމި އަވަށް މިނިވަން ވާނެ ދުވަހަކަށެވެ.
މި މީހުންގެ ފަރާތުން ވަކާލާތު ކުރާ ލޯ ފާމުން ބުނެފައި ވަނީ، ޑިއޭގޯ ގާސިއާގައި އެމީހުންނަށް ދިން ލާއިންސާނީ އަނިޔާ ތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަން އެދޭނެ ކަމަށާއި، ބައެއް މީހުން އަނބުރާ ލަންކާ އަށް ފޮނުވާލީ އަވަސް އަރުވާލައިގެން ކަމަށެވެ. އެހެނީ އެމީހުންނަކީ ލަންކާގައި އަނިޔާ އާ ކުރިމަތިވެފައި ވާ ބައެއް ކަމަށާއި އަނިޔާގެ ކުރިމައްޗަށް އަނބުރާ ފޮނުވާލުމަކީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށެވެ.
ޑިއޭގޯ ގާސިއާ ގައި ރެފިއުޖީން ބައިތިއްބާފައި ތިބީ، ކޮވިޑް 19 ގައި ބަލި މީހުންނަށް ހެދި ޓެންޓްތަކުގައެވެ. އެތާ ވަށައިގެން ދަގަނޑު ދާ ދަމާ، އެކަކަށްވެސް ނުނުކުމެވޭނެ ހެން، ހަދާފައި ވާ އިރު، ކެންޓީނެއް ވެސް ހުންނަ ކަމަށް ބުނެއެވެ. ނަމަވެސް އެ ކެންޓީނުގައި ހުންނަނީ ކޯއްޗެއްކަމެއް ބުނެފައެއް ނުވެއެވެ. މީގެ އިތުރުން ޓެންޓުން ބޭރަށް ނިކުންނަ ނަމަ ނިކުމެވެނީ އެތަން ބަލަހައްޓަން ތިބޭ ޕްރައިވެޓް ސެކިއުރިޓީންނާ އެކު ކަމަށް ވެސް ބުނެއެވެ.
ހަބަރުތައް ބުނާ ގޮތުން، އެ ކޭމްޕްގައި ތިބެ އަމިއްލަ ނަފްސަށް އަނިޔާ ދިން މީހުންގެ ތެރެއުން 4 މީހަކު މިވަގުތު ތިބީ ސިއްހީ ފަރުވާއަށް އެފްރިކާގެ ރުވާންޑާއަށް ފޮނުވާލާފައެވެ. ޑިއޭގޯ ގާސިއާއިން ސިއްހީ ފަރުވާ އަށް އެމީހުން ރުވާންޑާއަށް ފޮނުވާލީ ކޮން ޑީލެއްގެ ދަށުން ކަން ސާފުނުވާ ކަމަށް ލޯޔަރުން ބުނެއެވެ. މި މައްސަލަގައި ބީބީސީން ބުނެފައި ވަނީ އެމީހުންނަށް ލިބުނު ސިޓީއެއްގައި، ރުވާންޑާގައި ތިބި މީހުން ބޭނުން ނަމަ ޕްރައިވެޓް އެކޮމަޑޭޝަން ހަމަޖައްސައިދެވިދާނެ ކަމަށް ބުނެފައި ވާ ކަމަށާއި އަދި ރުވާންޑާ އާ މެދު ހިތްހަމަ ނުޖެހޭނަމަ އޮތީ އަނބުރާ ޑިއޭގޯ ގާސިއާ އަށް އައުން ކަމަށް ވެސް ބުނެފައި ވާ ކަމަށެވެ.
ވާނުވާއެއް ސާފު ނުވެ ރެފިއުޖީންގެ ގޮތުގައި، އެތައް ބަޔަކު 2 އަހަރެއްހާ ދުވަސް ވާން ދާ އިރު އަދިވެސް އެމީހުންނަށް ރައްކާތެރި މާހައުލަކަށް ނުވަތަ ގައުމަކަށް ދެވޭނެ ކަމެއް ދެވޭނެ ދުވަހެއް ވެސް ނޭނގެއެވެ. އުއްމީދެއް ނެތް ދަންތުރައެއްގައި ޖެހި ބަޔަކު ހަލާކުވެ ދާއިރު އިނގިރޭސި ސަރުކާރާއި ޑިއޭގޯ ގާސިއާގައި ތިބި އިދާރީ ފަރާތްތަކާ ދެމެދު މުއާމަލާތު ކުރުން ފިޔަވައި ރެފިއުޖީންނަށް ލިބޭ ކުރިއެރުމެއް ނެތެވެ.