ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަކީ ސިކުނޑިފުޅެއް އޮތް ނަމަވެސް އެ ބޭނުން ކުރެއްވުމުގެ ގާބިލުކަން ހުންނެވި ބޭފުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަބަދުވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދު އަށް ފާޑުވިދާޅުވަމުން ގެންދަވާ ރޮޒައިނާ މިހެން ވިދާޅުވީ ރޭ 'ދަ ޑިމޮކްރެޓްސް' އިން ބޭއްވި ޖަލްސާގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ރޭގެ ޖަލްސާގައި އިންތި ވިދާޅުވީ ރައީސް ނަޝީދުގެ ސިކުނޑިފުޅު ބޭނުން ކުރައްވާނީ ރާއްޖެއަށް އިންގިލާބީ ބަދަލާއި ތަސައްވުރު ގެންނަވަން ކަމަށާއި "ކަރާމާތުގެ ދުލި އެލުވަައިގެން" ސެލްފީ ނެންގެވުމަށް ނޫން ކަމަށެވެ.

އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދުގެ ކިބައިގައި ސިކުނޑި ބޭނުންކުރުމުގެ ގާބިލުކަމެއް ހުރިނަމަ، ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވުމުގެ ބުއްދި ހުންނާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ މަގާމު ދިނުމުން، ފަސް އަހަރު ދުވަހު އެ މަގާމުގައި ހުންނެވުމަށް އިތުބާރު ހިފެހެއްޓުވުމުގެ ގާބިލުކަންވެސް ހުންނާނެކަމަށާއި އެފަދަ ގާބިލުކަމެއް ހުރިނަމަ، އެމްޑީޕީގެ އާންމު މެންބަރުންގެ އިތުބާރުވެސް ގެއްލިގެން ނުދާނެކަމަށެވެ.

ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ފެއިލްވާން ޖެހުނު ސަބަބުތައް ހާމަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެ މަނިކުފާނުގެ ސިކުނޑިފުޅު ބޭނުންކުރައްވަނީ، އަމިއްލަ އެދުންތައް ފުއްދަވާނެ ގޮތްތައް ހޯއްދެވުމަށް ކަމަށެވެ. އަދި ހުރިހާކަމެއްވެސް ވާންޖެހޭނީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަމަށާ، އެ މަނިކުފާނު އެހެން އެއްވެސް ފަރާތެއްގެ މަޝްވަރާ ބަލައިނުގަންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު ފެއިލްވާން ދިމާވަނީ ނަމުން ޑިމޮކްރެޓިކް އެހެންނަމަވެސް ކަމުން ހުދުމުހުތާރު ވުމުން ކަމަށެވެ.