ރިއާލް މެޑްރިޑްގެ ތަޖުރިބާކާރު ފޯވަޑް ކަރީމް ބެންޒީމާ ސައުދީ އަރަބިއްޔާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދަށް ބަދަލުވީ އަހަރަކު 213 މިލިއަން ޑޮލަރުގެ މުސާރައަކަށް ކަން ހާމަވެއްޖެއެވެ.

2009 ވަނަ އަހަރު ރިއާލް އާ ގުޅުނު ބެންޒީމާ ރިއާލްއާ ވަކިވެ އިއްތިހާދަށް ސޮއިކޮށްފައިވާ އިރު އޭނާ ގަންނަން ސައުދީ ކްލަބުން ހޭދަ ކުރި ވަރެއް ދެ ޓީމުން ވެސް ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ފުޓްބޯޅަ ދުނިޔޭގެ ހަބަރުތައް އެންމެ ހޫނުކޮށް ގެނެސްދޭ އެއް ނޫސްވެރިއެއް ކަމަށްވާ ފެބްރީޒިއޯ ރޮމަނޯ ކުރި ޓުވީޓެއްގައި ބުނީ ބެންޒީމާ އިއްތިހާދާއެކު ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއް ކަމަށާއި އިތުރު ސީޒަންއަކަށް ކޮންޓްރެކްޓް ދައްމާލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރަމާނޯ އިތުރަށް ބުނީ މި ކޮންޓްރެކްޓްގެ ދަށުން ބެންޒީމާއަށް އަހަރަކު ޖުމްލަ 200 މިލިއަން ޔޫރޯ ނުވަތަ 213 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި މީގެ ތެރޭގައި އިސްތިހާރުތަކުން ލިބޭ ފައިސާ ވެސް ހިމެނޭ ކަމަށެވެ.

ބެންޒީމާގެ އިތުރުން ވެސް މަޝްހޫރު ކުޅުންތެރިންތަކެއް ގެންދިއުމަށް ސައުދީ ކްލަބްތަކުން ދަނީ މަސައްކަތް ކުރަމުން/ފޮޓޯ: ޓުުވިޓާ

ވޭތުވެދިޔަ 14 އަހަރު ރިއާލްއަށް ކުޅުނު ބެންޒީމާ އިއްތިހާދާ ގުޅުމަށް ފަހު ބުނީ ތަފާތު ގައުމެއްގެ ތަފާތު ލީގެއްގައި ކުޅެން ލިބޭތީ އުފާ ކުރާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ސްޕެއިންއާއި ޔޫރަޕްގައި އޭނާ ހޯދަން ބޭނުންވި ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ކަމަށާއި އާ މަންޒިލަކަށް ދާންވީ ވަގުތު ޖެހިއްޖެ ކަމަށް ވެސް ބެންޒީމާ ބުންޏެވެ.

މިދިޔަ ސީޒަންގެ ބެލެންޑޯ ހޯދި ބެންޒީމާ ގުޅުނު އަލް އިއްތިހާދާ އެންމެ ގާތުން ވާދަކުރާ ޓީމު އަލް ނަސްރު ޓީމުގެ ރިއާލްގެ ކުރީގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އިރު ބެންޒީމާ ވަނީ އޭނާގެ ނަން ފާހަގަކޮށްފައެވެ. ބެންޒީމާ ބުނީ ރޮނާލްޑޯއަކީ ގާތް ރަހްމަތްތެރިއެއް ކަމަށާ ރޮނާލްޑޯ ސައުދީ ލީގުގައި ކުޅޭ ކަމީ ލީގު ކުރިއަރާފައިވާ ކަން ދައްކާ ދޭ ކަމެއް ކަމަށެވެ. ބެންޒީމާ ބުނީ ރިއާލްގައި ފަދައިން އަލް އިއްތިހާދުގައި ވެސް އޭނާ ބޭނުން ވަނީ މޮޅުވާ ކަމަށެވެ.

ވޭތުވެދިޔަ 14 ސީޒަންގައި 35 އަހަރުގެ ބެންޒީމާ ވަނީ ރިއާލްއަށް ކުޅުނު 648 މެޗުގައި 354 ލަނޑު އެޓީމަށް ޖަހާ ދީފައެވެ. ރިއާލްގެ ތާރީހުގައި ވެސް ބެންޒީމާއަށް ވުރެ ގިނައިން ޓީމަށް ލަނޑު ޖަހާ ދީފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ ރޮނާލްޑޯއެވެ.

ރިއާލްއާއެކު ބެންޒީމާ 5 ޗެމްޕިއަންސް ލީގު ތަށި ކާމިޔާބުކުރި އިރު އޭނާ ވަނީ ހަތަރު ލަ ލީގާ ތަށި އަދި ތިން ކޮޕާ ޑެލްރޭ ވެސް ރިއާލްއަށް ހޯދާ ދީފައެވެ.

ރިއާލްއާއެކު ބެންޒީމާ ހޯދި ތަށިތަކާއި އެކު ބެންޒީމާ ފޮޓޯއަކަށް ހުއްޓިގެން/ފޮޓޯ: ރިއާލް ޓުވިޓާ

އަލް އިއްތިހާދަށް ބެންޒީމާ ގެންދިޔައީ ސައުދީގެ ލީގު ޕްރައިވަޓައިޒް ކޮށް އިތުރަށް ލީގު ތަރައްގީ ކުރާނެ ކަން ސައުދީ ސަރުކާރުން އިއުލާނު ކުރިތާ އެއް ދުވަސް ފަހުންނެވެ.

ދުނިޔޭގެ މަޝްހޫރު އެހެން ކުޅުންތެރިން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީގެ ކްލަބްތަކާ ގުޅޭނެ ކަމަށް ބެލެވޭ އިރު މި ސީޒަންގައި ޕީއެސްޖީއަށް ކުޅުނު ލައިނަލް މެސީގެ ގެންދިއުމަށް ވެސް ސައުދީ ކްލަބްތަކުން މަސައްކަތް ކުރާ ކަމުގެ އަޑުތައް ވަނީ އަރާފައެވެ.