އޮންނަ އިހްތިރާމެއްގެ ގޮތުން، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޕާޓީގެ ރައީސް ކަމަށް ވެސް ވާތީ ވަރަށް ދުވަހު ކެތްކުރެވިއްޖެ ކަމަށާއި، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ޖެހުނީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު އަމަލުކުރައްވާ ގޮތުން، މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެމްޑީޕީގެ މެންބަރުން ޝަކުވާ ކުރައްވާފައި ވެއެވެ. ނަޝީދު އަމަލުކުރައްވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، މެންބަރުން ނުރުހުން ފާޅުކުރައްވާތާ ދުވަސްތަކެއް ވޭތުވެއްޖެއެވެ. އިއްޔެ "ދަ ޕްރެސް" އަށް އަސްލަމް ވިދާޅުވީ، އަދިވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ކަންކަން ހަމަ މަގަށް އެޅުވުމަށް ކަމަށާއި، އެމްޑީޕީގެ މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވަމުން ގެންދެވީ ނަޝީދު އެނބުރި ހަމަ މަގަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން، އަސްލަމް މިއަދު ވިދާޅުވީ، މަޖިލީހުގެ ހައިބަތު ހިފެހެއްޓުމަކީ މެންބަރުންނެކޭ އެއްފަދައިން، ރިޔާސަތުގެ މައްޗަށް ވެސް އޮތް ޒިންމާ އެއް ކަމަށެވެ. ނަމަވެސް މިއަދު މި ފެނިވަޑައިގަންނަވަނީ، އޭނާ ވިދާޅުވި ގޮތުުގައި، މަޖިލީހުގެ ގަވައިދު އެކި ގޮތްގޮތަށް މާނަކުރައްވައި، ހިތުހުރި ގޮތަކަށް ނަޝީދު ރިޔާސަތުގައި އިންނަވައި އަމަލުކުރައްވަމުން ގެންދަވާ މަންޒަރެވެ.

އެމްޑީޕީގެ މެންބަރުން އަބަދު ވެސް ނަޝީދަށް އިހްތިރާމްކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް އަސްލަމް ތަކުރާރު ކުރެއްވިއެވެ. ނަޝީދާ މެދު އަބަދު ވެސް ދެކެވަޑައިގަންނަވަމުން ގެންދެވީ، އެމަނިކުފާނަކީ ޑިމޮކްރަޓިކް ހަމަތައް ނަގަހައްޓަވާނެ ބޭފުޅެއްގެ ގޮތުގައި ކަމަށާއި، އަދި ރާއްޖޭގެ އިސްލާހީ މަސައްކަތުގައި އިސްކޮށް މަސައްކަތްކުރައްވާނެ ބޭފުޅެއްގެ ގޮތުގައި ކަމަށް، އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ނަޝީދުގެ އަމަލުތައް މިހާރު ހުންނަވާ ގޮތުން ފާހަގަވަނީ އެމަނިކުފާނު އަމަލުކުރައްވަނީ އެމްޑީޕީން ޒަމާނުއްސުރެ ބަލައިގަނެގެން ތިބި އުސޫލުތަކާ ހިލާފަށް އަމަލުކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ނަޝީދުގެ ފަރާތްޕުޅުން މިހާރު ފެނިވަޑައިގަންނަވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވާ މަންޒަރު ކަމަށެވެ.

"ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮތުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުންދާއިރު، ވަރަށް މުހިންމު އެއް ކަމެއް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއި، ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ހުދޫދުގެ ތެރޭގައި ކުރިއަށް ގެންދެވުން، އެހެން ނަމަވެސް އެކަންކަން މުގުރި ފުނޑިގެން ދާ ތަން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ، ރައްޔިތުންގެ މަޖިލީހުގެ ހައިބަތާއި ކަރާމާތް ގެއްލިގެން ދާ ތަން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ،" އަސްލަމް ވިދާޅުވިއެވެ.

"އެހެންވީމާ ވަރަށް ބޮޑަށް ކެތްކުރެވިއްޖެ، ވަކިން ހާއްސަކޮށް ޕާޓީގެ ރައީސަށް ވެސް ވާތީވެ، އަދި އިސްލާހީ މަސައްކަތުގަ އިސް ބޭފުޅެއް ގޮތުގަ ވަރަށް ގިނަ ބޭފުޅުންނަށް ފެނިފަވާ ފަރާތަކަށް ވެސް ވާތީވެ ވަރަށް ބޮޑަށް ކެތްތެރިކަމާ އެކު ކުރިއަށް ދެވިއްޖެ،"
މުހައްމަދު އަސްލަމް | އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު

ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ. މެންދުރުފަހު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް 44 ސޮއި ހަމަވެއްޖެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.