ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބޭނުންވާ ހާ ކަމެއް ކުރަން އޮންނަ ތަނެއް ނޫންކަމަށާ މަޖިލީހުގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް ނަޝީދު ވަކިކުރަން ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައިވާއިރު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއަދު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި 42 މެންބަރުން ބައިވެރިވެވަޑައިގެންނެވި އިރު އޭގެ ތެރެއިން 36 މެމްބަރުން ވަނީ ރައީސް ނަޝީދު ވަކިކުރަން ފެންނަނަކަމަށް ވޯޓުދީފައެވެ.

މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުން، ނަޝީދު ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ސަރުކާރަށް ޖެއްސުންކުރައްވާ ކަަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކޮށްފައިވާއިރު ފާއިތުވި ދެ ދުވަހުވެސް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީސްވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އިއްޔެ މަޖީލީހަށް ހާޒިރުވެފައިވާއިރު އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައިވާތީ، ރިފްއަތުގެ އިތުބާރު ނެތް މައްސަލައިގެ ބަހުސް ކުރިއަށް ނުގެންދެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިކަމާ ގުޅިގެން އެމްޑީޕީ މެންބަރުން މަޖިލީހުގައި ނުރުހުންފާޅުކޮށް އަޑުގަދަކޮށްފައިވާއިރު މިއަދު، ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންނަށް ބިރު ދައްކާކަމަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމުންވެސް މަޖިލީހުގައި އެމްޑީޕީ މެންބަރުންވަނީ އަޑުގަދަކޮށްފައެވެ. އެހެންނަމަވެސް މެންބަރުންގެ އަޑުގަދަވެ އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.