ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވައިފިއެވެ.
މި ފަޅު ވިއްކުން ހުއްޓުވާފައިވަނީ އެ ފަޅާ ގުޅޭ ތަހުގީގެއް ހިނގަމުން އަންނާތީ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. ނަމަވެސް ހިނގަމުންދާ ތަހުގީގަކަށް ވާތީ އެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
ވާވެއްދިފަޅާ ގުޅޭ މައްސަލައެއް ކުރިން ވެސް އޭސީސީން ތަހުގީގު ކުރިއެވެ. ނަމަވެސް އެ މައްސަލަ ވަނީ ފައިލްކޮށްފައިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވާވެއްދިފަޅުގެ މައްސަލަ ބަލަން ފެށީ އެ ތަން ވިއްކާލަން ވިލާ ކުންފުނިން މި ފަހުން ނިންމި ނިންމުމަކާ ގުޅުވައެވެ.
ސަރުކާރުން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އަދި އެތަން ތަނަށް ދޭން ޖެހޭ ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ދެއްކުމަށް ވެސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގެ ތެރޭގައި ވިލާ އަށް އެންގިއެވެ.
އެ މައްސަލަ ބެލުމަށް ފަހު 2018އިގައި ސުޕްރީމް ކޯޓުން ނިންމީ އެތަންތަން އަނބުރާ އަތުލަން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށެވެ. މި ފަޅުގެ މައްސަލާގައި ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާސިމް އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ މި ސަރުކާރުން ވެސް އޭނާގެ ވިޔަފާރިއަށް އަމާޒުކޮށް ގެއްލުން ދޭން ފަށާފައިވާ ކަމުގެ ތުހުމަތުކޮށެވެ.
ނަމަވެސް އެ ތުހުމަތު ދޮގުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، މިނިވަން މުއައްސަސާތައް މި ސަރުކާރުގައި މަސައްކަތްކުރާނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މިނިވަންކަމާ އެކުގައި ކަމަށެވެ.