އިޓްލޮސްގެ މައްސަލަ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ބުނުމަކީ ބިލާހަކަށްވެއްޖެ ކަމަށް އޭޖީ އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ މިހާރު މަޖިލީހުގައި ހިނގަމުންދާއިރު ރިފްއަތު ވަނީ އެކަން ކުރާނީ ކިހިނެތްތޯ އާއި ކޮންތާކުންތޯއާއި މައްސަލަ ލާނީ ކޮންތާކަށްތޯ އަދި ކޮން ގާނޫނަކަށް ރިއާޔަތްކޮށްތޯ ސުވާލުއުފައްދަވާފައެވެ. އަދި އިޓްލޮސްއިން ނިންމި މައްސަލަ އިސްތިއުނާފް ކުރެވޭނެ ކަމަށް ބުނުމަކީ ގާނޫނީ މާހިރެއް އަދި ކިޔަވާ ކުއްޖަކު ވެސް ދައްކާނެފަދަ ވާހަކައެއް ނޫން ކަމަށް ރިފްއަތު ވިދާޅުވިއެވެ.

"އިޓްލޮސްގެ މައްސަލަ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ބުނުމަކީ ބިލާހަކަށްވެއްޖެ އެކަން ކުރާނީ ކިހިނެތްތޯ, ކޮންތާކުންތޯ, މައްސަލަ ލާނީ ކޮންތާކަށްތޯ, ކޮން ގާނޫނަކަށްތޯ ރިއާޔަތް ކުރާނީ, މިއިން އެއްވެސް ސުވާލަކަށް އެ ބޭފުޅުންގެ ޖަވާބެއް ނެތް. އިޓްލޮސްއިން ނިންމި މައްސަލަ އިސްތިއުނާފް ކުރެވޭނެ ކަމަށް ބުނުމަކީ, ޤާނޫނީ މާހިރެއް ކީއްކުރަންތޯ ގާނޫން ކިޔަވާ ކުއްޖަކު ވެސް ދައްކާނެފަދަ ވާހަކައެއް ނޫން”
ރިފްއަތު

ރިފްއަތު ވިދާޅުވީ ދެކުނުގެ އީއީޒެޑް މައްސަލައަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށާޢި އަންކްލޯސްއިން ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މުއާހަދާގައި 296 ވަނަ މާއްދާގައިވާ ގޮތުން އެ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ރައީސްގެ ސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައުލޫއާ އެއްވެސް ގުުޅުމެއް ނެތް ސިޓީފުޅެއް ކަމަށާއިއިޓްލޮސްގެ 9 ފަޑިޔާރުން ފާހަގަ ކުރި އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ރައީސްގެ ސިޓީފުޅުގެ ވާހަކަ ނެތްކަން ރިފްއަތު ވިދާޅުވިއެވެ. އަދި ދެކުނުގެ އީއީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓާކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީފުޅުގައި ކަޅާއި ހުދުން ލިޔެފައިވާ ކަމަށްވެސް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށް ވުމަކީ ދުނިޔޭގެ ތަބައީ އުސޫލަށް ވެދާނެ ކަމަށާއި އެހެންނަމަވެސް ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއް ކަމަށާއި ގާނޫނު މާނަކުރުމަކީ ކޮންމެ މީހަކު ހިތުހުރި ގޮތަކަށް ކުރާން އޮންނަ ކަމެއް ނޫންކަމަށް ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު ވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާއާއި ހިލާފަށް އޭނާ އަމަލުކޮށްފައި ވާކަމަށް މަޖިލީހުގެ 13 މެންބަރުން ނިންމީ ގާނޫނުގެ ކޮން އުސޫލަކުންތޯ ސުވާލުކުރައްވާފައެވެ. އަދި ގާނޫނު އަސާސީގެ 101 ވަނަ (ހ) ގައި ސަބަބު ބަޔާންކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެކަމަށްކަން ރިފްއަތު ފާހަގަކުރެއްވިއެވެ.

ރިފްއަތު އިތުރަށް ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ވަކާލާތުކުރި ގޮތާއިމެދު މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ 13 މެންބަރުންނަށް ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބު ނޫން ކަމަށާއި އެ މައްސަލައިގައި އޭނާ އިސްކޮށްފައިވާނީ ރާއްޖޭގެ މަސްލަހަތުކަމަށެވެ.