އިސްރަށްވެހިންނަށް މިހާރު ދެމުން އަންނަ އެލަވަންސަށް ބަދަލު ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާ ވަރަށް އަވަހަށް އެކަން އިއުލާނުކުރައްވާނެކަމަށެވެ. އަދި އިސްރަށްވެހިންނަށް ދެމުން އަންނަ އެލަވަންސްވެސް ބޮޑުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އެކަމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

" ނުކުޅެދުންތެރިންނާ އިސް ރަށްވެހިންގެ ދާއިރާއަށް ވެސް ބަދަލު ގެންނަން ޖެހޭ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވެންސްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތް ނިންމާ ވަރަށް އަވަހަށް އިއުލާން ކުރެވޭނެ. އިސްރަށްވެހިންނަށް ދޭ އެލަވަންސް ކުރިއަށް އޮތްތަނުގައި ބަދަލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑުކަމުގައި ނުޖެހުނުނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށެވެ. ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބަލާއިރު، ކުރިއަށް އޮތް 5 އަހަރު އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ނެތަސް ސަރުކާރުގެ ވިސްނުމުގައި ކަންކަން ކުރުން އެބަހުރި ކަމަށެވެ.