އައްޑޫސިޓީގެ ޓޫރިޒަމް ތަރައްގީ ނުވެ އޮތީ ސަރުކާރުން އިހުލާސްތެރި މަސައްކަތެއް ނުކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވުމާ ގުޅުވައެވެ.
އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވިލިނގިލި، ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައި ނުގަނެ ކަމަށެވެ. އައްޑޫސިޓީގެ ޓޫރިޒަމް ތަރައްގީ ނުވެ އޮތީ ރަށް ނެތިގެނެއް ނޫން ކަމަށާއި އެއީ މިސަރުކާރުގެ އިހުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން ކަމަށް ނަޝިދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވި، އައްޑޫ އެއާޕޯޓް ހިންގަން ފެށުމުގެ އާ ވިސްނުމެއް ބޭނުންވާ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައި ގާއިމުކުރި ޓޫރިޒަމް ޒޯންތައް އިއްޔެ ރަސްމީކޮށް އިފްތިތާހު ކޮށްފައި ވާއިރު އައްޑޫ ސިޓީ މަރަދޫ، ހުޅުދޫ އަދި މީދޫ އިންވެސް ވަނީ އިކޯ ޓޫރިޒަމަށް ބިން ދޫކޮށްފައެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިކޯ ޓޫރިޒަމް މަޝްރޫއަށް އިންޑިއާގެ ހިލޭ އެހީގެ ދަށުން 2.49 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.
މިހައިތަނަށް 4 ރައީސުން ވެރިކަން ކޮށްފި އައްޑޫ ތަރައްޤީ ނުކޮށް ދިނީ ކީއްވެ