ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ދެވަނަ ދައުރެއްގައި މަރަދޫގައި 3,000 ޓަނުގެ މަސް ފެކްޓަރީއެއްގެ އިތުރުން 300 ހައުސިން ޔުނިޓް ހަދައިދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ ރައީސް ސޯލިހް އަކީ އައްޑޫ ސިޓީގެ ތަރައްގީގެ ބާނީކަމަށެވެ. "ރައީސް ސޯލިހަކީ އައްޑޫ ސިޓީގެ ވެސް އަދި މުޅި ރާއްޖޭގެ ތަރައްގީގެ ބާނީ ކަމުގައި ރައްޔިތުން ގަބޫލުކޮށްފި" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އައްޑޫ ސިޓީއަށް ފާއިތުވި 50 އަހަރު ތެރޭގައިވެސް އައިސްފައި ނުވާ ފަދަ ތަރައްގީ ގެނެސްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްކަމަށާ އައްޑޫ ސިޓީގެ ތަރައްގީ ނުހުއްޓި ކުރިއަށް ގެންދިއުމަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީން ރައީސް ސޯލިހް، މަދުވެގެން 75 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު ބިޔަ މަޝްރޫއު ރައީސް ސޯލިހު ފައްޓަވާދެއްވާފައި ވަނީ އެކަމަށް ހާއްސަކޮށް އިއްޔެ ހަވީރު ހަންކެޑެ އާއި މަރަދޫ ގުޅޭ ބްރިޖް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ. އައްޑޫގައި މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއެކު އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރެވި، އައްޑޫ ސިޓީ އިތުރަށް ތަރައްގީވެ، އިގްތިސާދީ ގޮތުން ކުރިއަރައިދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.