މޮރިޝަސްއަށް ލިބުނު ބައި ގަތުމަށް އުޅުނު ބަޔަކު ހޯދަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ އާވާހަކައެއް ފައްޓަވައިފިއެވެ.
ޗާގޯސް މައްސަލާގައި ހަދާފައިވާ އިއްތިހާދުގައި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ބައިވެރިވެވާއިރު އެމަނިކުފާނު މިއަދު ވަނީ ރާއްޖެއިން ގެއްލުނު ސަރަހައްދުގައި ދާ އަޅާ ބޯޓު ފަހަރުގެ ވެރިން ރާއްޖެ އައިތޯއާއި ބައްދަލުކުރީ ކާކާތޯ ސުވާލު އުފައްދާފައެވެ.
މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވައްސަށް އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައި ގަތުމުން ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭކަން އެނގޭނެ ކަމަށާއި އެބައި ގަތުމަށް އުޅެފައިވީ ބަޔަކު ހޯދަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި އެ އިއްތިހާދުން މިރޭ ކާނިވަލުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައި ވާއިރު އެ ޖަލްސާއަށް އަތޮޅު ތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އެބަ އާދެއެވެ.
ޖަލްސާއަށް ކުޑަތަން ވަމުން އަންނައިރު އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ނުރަސްމީ ޓުވީޓާ އެކައުންޓުންވެސް ވަނީ ކަނޑު ވިއްކާލި ކަމަށް ބުނެ ޓުވީޓުތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ފޯޅަވަހީގެ އުތުރުން އައްޑޫގެ ދެކުނުން ދާ އަޅާ ބޯޓު ފަހަރު މިހާރު ފެންނަ ކަމަށް ބުނާ ކަމަށާއި ރާއްޖެ އިން ގެއްލުނު ސަރަހައްދުގައި ދާ އަޅަން ލައިންސަންސް ދިނީ ކޮންބަޔަކަށްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެ ބަޔަކު ރާއްޖެ އައިތޯއާއި ކަނޑު ވިއްކި ކަމަށް އެ ބުނަނީ އެ ކަނޑުން މީހުންވެސް ފެންނާތީ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފޯޅަވައްސަކީ ދިވެހިން މަސްބާނައިގެން މަސް ކައްކާ ހިއްކާން ތިބޭ ރަށެއް ކަމަށާއި ދިވެހިން ނޫން ބަޔަކު އެތަން ބޭނުން ނުކުރާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުއެވެ.