ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފަން ކުރި ފިކުރެއްގެ ދިރުމުން އުފައްދަން ހުއްދަ ދީފައިވާ 'ދަ ޑިމޮކްރެޓްސް' ޕާޓީ ރަޖިސްޓްރީ ކުރުމަށް 3560 ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި ޕާޓީއެއް ހެދުމުގެ ހުއްދައަށް އެދި މިދިޔަ މަހުގެ 21 ވަނަ ދުވަހު އިލެކްޝަނަށް ހުށަހެޅުމުން ހުއްދަ ދީފައި ވަނީ އޭގެ 3 ދުވަސް ފަހުން މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
މިއަދު ފޯމުތައް އީސީއަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕާޓީ ރަޖިސްތްރީ ކުރަން ހުށަހެޅުއްވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ވީހާވެސް އަވަހަކަށް އެ ފޯމުތައް ވެރިފައި ކޮށްދިނުމަށް އީސީގައި އެދިވަޑައިގަންނަވާ ކަމަށެވެ. އަދި 300 މެންބަރުންނާއެކު ބާއްވަން ގާނޫނުގައި ބަޔާންކޮށްފައިވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު 3560 ފޯމު ހުށަހެޅުއްވި ކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ ޓާގެޓަކަށް ވީ 3500 ފޯމު ކަމަށާއި މިއަދު ލިބުނު 60 ފޯމާއެކު އެ އަދަދަށް ހުށަހެޅުއްވީ ކަމަށެވެ. ފޯމުތައް ފުރުމުގެ ކަންކަމުގައި ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށްވެސް ހަސަން ވަނީ ވިދާޅުވެފައެވެ.
ހަސަން ވިދާޅުވީ ހުއްދަ ލިބުމާއެކު އަތޮޅުތަކަށް ދަތުރުތައް ފައްތަވާނެ ކަމަށާއި ރިޔާސީ ކެމްޕެއިން ވެސް ފައްތަވާނެ ކަމަށެވެ. އަދި މިއަދު ހުށަހެޅި ފޯމުތަކުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމުގެ ޔަގީންކަންވެސް ހަސަން ވަނީ ދެއްވާފައެވެ.
އެ ފޯމުތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ފޯމު ހިމެނޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވުމަށް ހަސަން ވަނީ ދެކޮޅު ހައްދާފައެވެ.
ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ޕާޓީން ވަކިވެފައިވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.
ދަ ޑިމްކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ދާއިރު އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ޕާޓީ އުފެދުނީއްސުރެ ބޭނުން ކުރަމުން ދިޔަ ހަރުގެ އަތުލުމަށް އިމާރާތުގެ ވެރިފަރާތުން މަސައްކަތް ކުރަމުން ދާތީ، އެމްޑީޕީގެ މުދަލާއެކު ތަޅުލާ ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އިއްޔެ ޑިމޮކްރެޓްސް އެތަނަށް ވަނީ ވަދެގެންފައެވެ.
ޑިމޮކްރެޓްސް އެތަނަށް ވަނީ އިމާރާތުގެ ވެރިފަރާތް، ޝަފިއްޔާ ޒުބައިރުގެ ވެސް ހާޒިރުގައި އެތަނުގައި ތަޅު ހަލާކު ކޮށްލައިގެންނެވެ.