ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާއަކަށް 77 ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފިއެެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި 300 އަށް ވުރެ ގިނަ ހިއްސާދާރުން ބައިވެރިވެފައި ވާއިރު އެސްޓީއޯގެ ހިއްސާއަކަށް 77 ރުފިޔާ ބަހަން އެ ކުންފުނިން ފާސްކޮށްފައި ވަނީ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

ރޭގެ ޖަލްސާ އެސްޓީއޯގެ ބޯޑަށް މެންބަރުން އައްޔަން ކޮށްފައި ވެސް ވެއެވެ. އެގޮތުން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ މުހައްމަދު އަހްސަން ސަލީމްއެވެ.

އެސްޓީއޯގެ ބޯޑަށް އައްޔަން ކޮށްފައިވާ ފަރާތްތައް:

  • ހާމިދު ނަޝީދު މުހައްމަދު، ޗެއާމަން
  • އަބްދުﷲ ސައީދު، ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓާ
  • މުހައްމަދު ނިޒާމް، ޗީފް ފައިނޭންޝިއަލް އޮފިސާ
  • ޝިމާދު އިބްރާހިމް، ބޯޑް ޑިރެކްޓާ
  • ގައިސް އިސްމާއިލް، ބޯޑް ޑިރެކްޓާ
  • އިސްމާއިލް ޒުމައިލް ރަޝީދު، ބޯޑް ޑިރެކްޓާ

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 18.2 ބިލިއަން ރުފިޔާ ލިބިފައި ވާއިރު 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބިފައި ވަނީ 10.2 ބިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުނީގެ ތާރީހުގައި ވެސް އަލަށް އޮޕަރޭޓިން ހަރަދުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ހޯދައިފައި ވަނީ ވެސް މިދިޔަ އަހަރުއެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން ފާސްކޮށްފައި ވާ އިރު، އޭގެ ކުރީ އަހަރު އެސްޓިއޯއިން ހިއްސާއަކަށް ދީފައި ވަނީ 65 ރުފިޔާއެވެ. 2020 ވަނަ އަހަރު ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމި އިރު، 2019 އާއި 2018 ގައި ހިއްސާއަކަށް ޖެހުނީ 58 ރުފިޔާއެވެ.

ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ ތެރެއިން ސާފު ފައިދާ އަކީ 1.5 ބިލިއަން ރުފިޔާއެވެ.