ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފަން ކުރި ފިކުރެއްގެ ދިރުމުން އުފައްދަން ހުއްދަ ދީފައިވާ 'ދަ ޑިމޮކްރެޓްސް' ޕާޓީ ރަޖިސްޓްރީ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާނެ ކަމަށް ބުނެފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބުނެފައި ވަނީ މާދަމާ ހެނދުނު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ މެންބާޝިޕް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާނެ ކަމަށެވެ. އެހެންކަމުން މެންބާޝިޕް ފޯމްތައް އެންމެ ލަސްވެގެން މިރޭ 11:00ގެ ކުރިން ގ.ބޮޑުފެންވަޅުގެޔަށް ގެންދިޔުމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި ޕާޓީއެއް ހެދުމުގެ ހުއްދައަށް އެދި އިލެކްޝަނަށް ފޯމް ހުށަހަޅާފައި ވަނީ މިމަހު 21 ވަނަ ދުވަހުއެވެ. ހުއްދަ ދިނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މިހާރު މާލެ އާއި އަތޮޅުތެރޭގެ އެކި ތަންތަނުގައި މެންބާޝިޕްގެ ފޯމް ފުރަމުން ގެންދާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު އަފްޝަން ލަތީފު ވިދާޅުވެފައި ވަނީ މިހާތަނަށް ފޯމު ފުރާފައި ވާ އަދަދު އަދި ސާފު ނުވި ނަމަވެސް މާލޭގެ އިތުރުން ރަށްރަށުގައި ފޯރިއާ އެކު ފޯމު ފުރުން ކުރިއަށް ދާ ކަމަށެވެ. އަތޮޅުތަކުގެ ތެރެއިން އަފްޝަން ފާހަގަ ކުރެއްވީ އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ ފަދަ ބޮޑެތި ތަންތަނުގެ ވާހަކަ އެވެ.

ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ޕާޓީން ވަކިވެފައިވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.

ދަ ޑިމްކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ދާއިރު އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ޕާޓީ އުފެދުނީއްސުރެ ބޭނުން ކުރަމުން ދިޔަ ހަރުގެ އަތުލުމަށް އިމާރާތުގެ ވެރިފަރާތުން މަސައްކަތް ކުރަމުން ދާތީ، އެމްޑީޕީގެ މުދަލާއެކު ތަޅުލާ ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އިއްޔެ ޑިމޮކްރެޓްސް އެތަނަށް ވަނީ ވަދެގެންފައެވެ.

ޑިމޮކްރެޓްސް އެތަނަށް ވަނީ އިމާރާތުގެ ވެރިފަރާތް، ޝަފިއްޔާ ޒުބައިރުގެ ވެސް ހާޒިރުގައި އެތަނުގައި ތަޅު ހަލާކުކޮށްލައިގެންނެވެ.