ދިވެހިރާއްޖޭގެ ދަރަނި 107 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށާއި ދިވެހި ސަރުކާރުން 500 އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން އެންމެ ތަނބެއް ނުޖެހިގެން އުޅޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދު، ސަރުކާރަށް ވަރަށް ބޮޑަށް މަލާމަތް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދު ވަނީ މި ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ތާއިދުކޮށް ސަނާކިޔާ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރާއްޖޭގެ ދަރަނި 107 ބިލިއަން ރުފިޔާއަށް އަރައިގެން ގޮސްފައި ވާ އިރުވެސް މި ގައުމުގެ ރައްޔިތުން އުޅެމުންދާ ހާލު މި ސަރުކާރަށް ތާއިދުކުރާ މެންބަރުންނަށް ނުވިސްނޭނެ ކަމަށް ވިދާޅުވެފައެވެ.

"ރުފިޔާގެ އަގު ވެއްޓި ސަތާރަ، އަށާރަ ރުފިޔާއަށް ޑޮލަރުގެ އަގު އެރީމާ ރައްޔިތުން ވެއްޓޭ ނިކަމެތި ހާލަތުވެސް އެ މެންބަރުންނަށް ނުވިސްނޭނެ"
ސައީދު

މީގެ އިތުރުން ސައީދު ވިދާޅުވީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންނަށް ހިއުމަން ރައިޓްސް ފެންނަނީ ވަކި ހާލަތްތަކެއްގައި ކަމަށާ ސަރުކާރުން ވަކި ވަކި ބަޔަކަށް ދެމުން ގެންދާ އަނިޔާ އެ މެންބަރުންނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ސަރުކާރަށް ތާއިދުކުރާ މެންބަރުންނަށް ގިނަ ތުހުމަތުތަކެއް ކުރައްވަމުން ސައީދު ވިދާޅުވީ ސުޕަމެޖޯރިޓީ ޓީމަށް ފައިސާ ދިނުމުން ރައީސް ސޯލިހް ޕްރޮމޯޓް ކުރުމަށް ވާހަކަ ދައްކާނެ ކަމަށާއި އެ ބޭފުޅުން ތިއްބެވީ ހުރިހާ ހިއްސެއް 'ކަނުވެފައި' ކަމަށެވެ.

ސައީދު އިޝާރާތް ކުރެއްވި 500 މިލިއަން ޑޮލަރާއި ތަންބުގެ ވާހަކަ އަކީ، މާލެ އާއި ވިލިމާލެ އަދި ގުޅީފަޅު ގުޅާލައި އަޅާ ބްރިޖް މަޝްރޫގެ ވާހަކައެވެ. އެ މަޝްރޫެއަށް ބޮޑު ހޭދައެއް ކުރާ އިރު، މަސައްކަތް ތާވަލަށް ވުރެ ލަސްވެފައި ވާ ކަމަށް ދާދިފަހުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. އެ ބްރިޖްގެ ފެންނަން ހުރި މަސައްކަތަށް ބަލާ އިރު ވިލިނގިއްޔާއި މާލެ ކޮޅުގައި ތަނބު ޖެހުމަށް ކަނޑުމެދަށް ޖަހާފައި ހުރި ދަނގަޅު ފަލަ ހޮޅިތައް ފެނެއެވެ. އަދި ގުޅީފަޅުގައި ބްރިޖްގެ މަސައްކަތްތައް ހިނގާ ސައިޓަށް ނޫސްވެރިން ގެންގޮސް ދައްކާފައި ވާ އިރު ބްރިޖް ޕްލެޓްފޯމަށް ބޭނުންވާ ބައިތައް އެތަނުގައި ތައްޔާރު ކުރަމުން ދާތަން ވަނީ ފެނިފައެވެ.