ރަޝިއާގެ ޖާސޫސީ ހުދު ވޭލް ނޯވޭ ހުރަސް ކޮށް ސްވިޑަން އިން ފެނިގެން ސަމާލުކަމަށް އަތުވެއްޖެއެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ތަމްރީނު ކޮށްފައި ވާ ކަމަށް ބެލެވޭ އެ ވޭލް ސްވިޑަން އިން ފެނުނު އިރު، އޭގެ ކަރުގައި ރިންގެއް އަޅުވައި ހަރުކޮށްފައި އޮތް ޑީވައިސް އެއްގެ ފޮޓޯ އާ އެކު ވަނީ އާންމު ކޮށްފައެވެ. ކެމެރާއެއް ހިމެނޭ އެ ޑީވައިސްގެ ޕެކިންގައި "އިކްއިޕްމަންޓް އެސްޓީ ޕީޓަސްބާގް" [އެސްޓީ ޕީޓަސްބާގް ގެ އެއްޗެއް] ކަމަށް ލިޔެފައި އޮތެވެ. ޕީޓަސްބާގަކީ ރަޝިއާގެ ސިޓީއެވެ.
މި ޥޭލް ނޯވޭއިން 2019 ގައި ފެނުނު ފަހުން ދަތުރު ކުރަމުން ގޮސްފައި ވަނީ މަޑު ދުވެއްޔެއްގައި ކަމަށާއި ސަޕީޑް ބާރުކޮށް މިސްރާބު ބަދަލުވެ ސްވިޑަންގެ ސަރަހައްދަށް ވަނުމުން ކަމާބެހޭ ފަރާތްތަކުން ވަނީ ސުވާލުއުފައްދަން ފަށާފައެވެ. އެއްބަޔަކު ބުނެފައި ވަނީ، އެ ވޭލަކީ ރަޝިއާގެ ނޭވީން ތަމްރީނު ކުރި އެއްޗެއް ނަމަވެސް، ނޭވީގެ ބެލުމުގެ ދަށުން ވީއްލިގެން މާކަނޑަށް ނިކުމެ އުޅޭ ވޭލެއް ކަމަށެވެ. އަދި އޭގެ ހެބިޓެޓް [އާންމުކޮށް އުޅޭ ތަން] ދޫކޮށް އެހެން ސަރަހައްދުތަކަށް ދިޔުމުން، އެ ސަރަހައްދަކަށް ހޭނެން ވަގުތު ނަގާ ކަމަށާއި، އެކި ސަރަހައްދުތަކަށް ދަތުރު ކުރަމުން ދާނީ އެހެންވެގެން ކަމަށެވެ. އަނެއް ބަޔަކު ބުނާގޮތުން، އެއީ ގައުމުތަކުގެ ހަރަކާތްތަކަށް ފާރަލުމަށް ރަޝިއާގެ ނޭވީން ބޭނުން ކުރާ ވޭލެކެވެ.
ނޯވޭއިން އެ ވޭލަށް ދީފައި ވާ ނަމަކީ 'ހުވަލްދިމީރް' [ހުވަލް އަކީ ނޯވޭ ބަހުން ވޭލް އެވެ. ދިމީރް އަކީ ރަޝިއާއާ އޮންނަ ގުޅުން ރަމްޒުކޮށްދޭން ބުނެއުޅޭ ބަހެކެވެ.].
ވަން ވޭލް އޯގަނައިޒޭޝަނުން ބުނާގޮތުގައި، މި ޥޭލް ނޯވޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާތާ މިހާރު 3 އަހަރު ވެއްޖެއެވެ. އަދި ސްޕީޑް ބާރުކޮށް ނުވަތަ ދުވެލި ބާރުކޮށް ސްވިޑަން އަށް ވަނުމަށްޓަކައި ދަތުރު ކުރާތާ 3 މަހެއްހާ ދުވަސް ވަނީ ވެފައެވެ. އަދި މިދިޔަ އާދީއްތަ ދުވަހު އެ ވޭލް ވަނީ ސްވިޑަން ގެ ހުޅަނގު ދެކުނު ކަނޑުގެ ރަށެއް ކަމަށް ވާ ހުންނެބޮސްޓްރޭންޑުން ފެނިފައެވެ.
ވަން ޥޭލް އޯގަނައިޒޭޝަންގެ މެރިން ބައޮލޮޖިސްޓުން ބުނާ ގޮތުގައި، މަޑުމަޑުން ދަތުރު ކުރަމުން ދިޔަ އެ ވޭލް، ސްޕީޑް ބާރުކުރީ ބައިވެރިއަކު ހޯދަން ނުވަތަ އެކަނިވުން ފިލުވަން ކަމަށް ވެދާނެއެވެ. ނޫނީ އެއީ އޭގެ ހޯމޯންސް އަށް އައި ބަދަލަކާ ގުޅިގެން ކަމަށް ވެސް ވެދާނެއެވެ. ގާތްގަނޑަކަށް 13-14 އަހަރު ވަރުވެފައި ވާ ކަމަށް ބެލެވޭ އެ ވޭލްގެ ހޯމޯންސް ލެވެލް މިހާރު މަތިވާނެ ކަމަށާއި ދަތުރުގެ މިސްރާބާއި ދުލެވި ބާރުވީ އެ ސަބަބާހުރެކަމަށް ވުން އެކަށީގެން ވާ ކަމަށް މެރިން ބައޮލޮޖިސްޓުން ބުނެއެވެ.
މި ވައްތަރުގެ ބެލޫގާ ވޭލް ނުވަތަ ހުދު ވޭލް އާންމުކޮށް ދިރިއުޅެނީ ނޯވޭގެ އުތުރުން އޮންނަ ސްވަލްބާޑް ސަރަހައްދު ގައެވެ. އެ ވޭލް ނޯވޭއަށް ވަނީ އެކަނި ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އޭތީގެ އުޅުން ހުރި ގޮތަށް ބަލާއިރު އެއީ ގެއްލިގެން އުޅޭ ވޭލެއް ކަން ދޭހަވާ ކަމަށެވެ. އެ ފަރާތްތަކުން އިތުރަށް ބުނީ، އެ ވޭލް އިންސާނުން ފެނުމުން ފިލަން ނޫޅޭ ކަމަށާއި އޭގެ ބަދަލުގައި ރަހުމަތްތެރިކަން ގާއިމު ކުރަން މަސައްކަތް ކުރާ ކަމަށެވެ.
މި ވޭލް އާ ގުޅޭ ގޮތުން ނޯވޭއިން ކުރާ ތުހުމަތުތަކަށް ރަޝިއާއިން އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް މި ވޭލް ފެނުނު ކަނޑު ނުވަތަ ބެރެންޓުން ކަނޑަކީ ހުޅަނގާއި ރަޝިއާގެ ސަބްމެރީންތައް ގިނައިން ހަރަކާތްތެރިވާ ކަނޑަކަށް ވާ އިރު އެއީ އެޓްލާންޓިކާއި ޕެސިފިކް ހުރަސް ކުރަން ބޭނުން ކުރާ އެންމެ ކުރު މަގުވެސް މެއެވެ.
ސިއްހަތު ސަލާމަތުން އޮތް ވަރުގަދަ އެ ވޭލް އަކި ނުވަތަ އެބާވަތުގެ ވޭލް އަކީ 40-60 އަހަރާ ދެމެދުގެ މުއްދަތަކަށް ދިރިހުންނަ އާންމުކޮށް ފިނި ކަނޑުތަކުގައި ދިރިއުޅޭ ބޮޑު މަހެކެވެ.