ހަތް ގަޑިއިރުގެ މަސައްކަތުން ޓަނަކަށް ވުރެ ބަރު ކަމަށް އަންދާޒާ ކުރެވޭ ބޮޑު ދާގަނޑެއް ނުވަތަ ގޯސްޓް ނެޓެއް، ރ. އަތޮޅުގެ ފަރަކުން އިއްޔެ ނަގައިފިއެވެ.

ގޯސްޓް ނެޓަކީ ކަނޑަށް ދޫކޮށްލާފައި އޮންނަ ބޮޑެތި ދަލެވެ. އެފަދަ ދަލުގައި ތާށިވުމުގެ ސަބަބުން ވެލާ ކަހަނބާއި މިޔަރު ފަދަ ކަނޑުގެ އެކި ދިރުންތަކަށް ގެއްލުންވެ، ބައެއް ދިރުންތައް މަރުވެއެވެ.

ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އޮލިވާ ރިޑްލީ ޕްރޮޖެކްޓުން ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ، އެ ދާގަނޑު ނަގާފައި ވަނީ ރ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ޖޯލި މޯލްޑިވްސްގެ ޑައިވަރުންގެ ޓީމެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި، ފަތާފައި ފުން ހިސާބަކަށް ގޮސް، އެ ދާގަނޑު ކަފު ޖަހައިގެން ރިސޯޓަށް ގެންގޮސް، މޫދުން ނަގަން ހަތް ގަޑިއިރު ހޭދަވިއެވެ.

އިއްޔެ ނެގުނު ދާގަނޑުން ސާމްޕަލްތައް ނަގައި މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މޫދަށް ދޫކޮށްލާފައިވާ އެފަދަ ސާމާނު ނައްތާލުމަށް ކުރާ މަސައްކަތަށް ކުރިއެރުން ލިބިގެން ދާނެ ކަމަށް، އޮލިވާ ރިޑްލީ ޕްރޮޖެކްޓުން ބުންޏެވެ.

އެއާއެކު، އެ ޖަމިއްޔާ އިން ވަނީ ގޯސްޓް ނެޓެއް ފެނިއްޖެ ނަމަ، އެ ޖަމިއްޔާ އަށް ރިޕޯޓްކުރުމަށް އެދިފައެވެ.