ކޮވިޑް-19 ޖެހުމަށް ފަހު، ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، "މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރޯމް" (މިސް-ސީ ނުވަތަ މިސްކް)ގެ އާ ކޭސް އެއް ރާއްޖެއިން ފެނިފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ، މިއީ ހަށިގަނޑުގެ ގިނަ ސިސްޓަމްތަކަަށް އޭގެ އަސަރު ކުރުވާ ބައްޔެއް ކަމަށެވެ. މި ބަލި ޖެހޭ ކުދިން ކޮވިޑުން ރަނގަޅުވުމަށް ފަހު ގަދަ ހުމާ އެކު ކަރާއި ގައިގައި ރިއްސުމާއި ހޮޑުލުމާއި ލޭގެ ޕްރެޝަރު ދަށްވުމާއި އަތާއި ފައި އަދި ހަށިގަނޑު ރަތްވެ ދުޅަވުމުގެ އިތުރުން އަތާއި ފައިން ހަން ފޮޅުން ފަދަ އަލާމާތްތައް ވެސް ފެންނަ ކަމަށެވެ.

މި ބަލި ޖެހިފައި ވަނީ ކޮން އުމުރުފުރައެއްގެ ކުއްޖަކަށް ކަމެއް ޑރ. ފައިސަލް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖެއިން މި ބަލި ޖެހުނީ އުމުރުން 3-11 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ބަލީގެ އެންމެ ބޮޑު އަލާމާތަކީ ގަދައަށް ހުން އައުމެވެ. ގާތްގަނޑަކަށް 39، 40 ޑިގްރީ ސެލްސިއަސްގައި މަދުވެގެން 3 ދުވަހާއި 5 ދުވަހާ ދެމެދުގެ މުއްދަތަކަށް ކުދިން ހުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ކުޑަކުދިން ކަމަށް ވާތީ ބައެއް ފަހަރު ކޮވިޑަށް ޓެސްޓު ނުކޮށް ހުއްޓާ އޭގެ ފަހުން މި ބަލީގެ އަލާމާތްތައް ފެނި ޓެސްޓު ކުރާ އިރު މި ކޮވިޑް ޖެހިފައިވާ ކުދިންވެސް ފެނެއެވެ.

މި ބައްޔަކީ ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމުން އަލާމާތްތައް ފެނުމުން ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެއެވެ. މި ބަލިން ރަނގަޅުވާން ގާތްގަނޑަކަށް އެއް ހަފްތާއާއި ދެ ހަފްތާގެ މުއްދަތެއް ނަގައެވެ.

ރާއްޖޭގައި 2021 ވަނަ އަހަރުގެ ތެރޭގައި މީގެ ކުރިން މިސް-ސީ ނުވަތަ މިސްކް ބަލީގައި ކުއްޖަކު ވަނީ މަރުވެފައެވެ.