ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފަން ކުރި ފިކުރެއްގެ ދިރުމުން އުފައްދާ 'ދަ ޑިމޮކްރެޓްސް' ޕާޓީ އަށް ފޯމު ފުރުން ކުރިއަށް ދިޔަ ނަމަވެސް މިހާތަނަށް ލިބުނު ފޯމް ގެ އަދަދު އަދި އެނގިވަޑައި ނުގަންނަވާ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި ޕާޓީއެއް ހެދުމުގެ ހުއްދައަށް އެދި އިލެކްޝަނަށް ފޯމް ހުށަހަޅާފައި ވަނީ މިމަހު 21 ވަނަ ދުވަހުއެވެ. ހުއްދަ ދިނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މިހާރު މާލެ އާއި އަތޮޅުތެރޭގެ އެކި ތަންތަނުގައި މޭރު ބަހައްޓައިގެން މެންބާޝިޕްގެ ފޯމް ފުރަމުން ގެންދާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަފްޝަން ވިދާޅުވީ މިހާތަނަށް ފޯމު ފުރާފައި ވާ އަދަދު އަދި ސާފު ނުވި ނަމަވެސް މާލޭގެ އިތުރުން ރަށްރަށުގައި ފޯރިއާ އެކު ފޯމު ފުރުން ކުރިއަށް ދާ ކަމަށެވެ. އަތޮޅުތަކުގެ ތެރެއިން އަފްޝަން ފާހަގަ ކުރެއްވީ އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ ފަދަ ބޮޑެތި ތަންތަނުގެ ވާހަކަ އެވެ.

އަފްޝަން ވިދާޅުވީ ކޮންމެ ފޯމެއްވެސް މެނުއަލީ ޕްރޮސެސް ކުރަން ޖެހޭ ކަމަށާއި އެޑްމިނިސްޓްރޭޓިވް މަސައްކަތަށް ވަރަށް ވަގުތު ނަގާ ކަމަށެވެ. ނުވަތަ ކޮންމެ ފޯމެއް ވަކި ވަކިން ބަލާ މައްސަލައެއް ނެތް ކަން ޔަގީން ކޮށް ހަދަމުން ދާތީ އިދާރީ މަސައްކަތާއެކު ނަގާ ވަގުތު ގިނަ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ވަގުތު ނެގި ނަމަވެސް ރަނގަޅަށް ބަލައި ޗެކް ކުރަނީ މައްސަލައެއް ނެތް ކަން ޔަގީން ކުރުމަށާއި ފުރަތަމަ 3000 ގެ ތެެރޭގައި ހިމަނައި ދިނުމަށް ގިނަ ބަޔަކު އެދޭތީ އެކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެހެންނަމަވެސް މި ހަފްތާގައި ރަޖިސްޓްރޭޝަނަށް ހުށަހަޅަން ވިސްނާފައި އޮތް ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

ޑޮމޮކްރެޓްސް އަށް ސޮއިކުރުން ކުރިއަށް ދަނީ

ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނޭހެން އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ޕާޓީން ވަކިވެފައި ވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ސޮއި ކުރެއްވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަމުން ދާ އިރު އަމިއްލައަށް އިސްތިއުފާ ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަނަކަށް ހުންނެވި އަހުމަދު މައުސޫމެވެ.

އިސްތިއުފާ ދެއްވި މަޖިލީހުގެ 12 މެންބަރުން؛

  1. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  2. މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  3. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  4. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  5. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  6. ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް
  7. މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
  8. މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  9. ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
  10. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު
  11. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  12. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

މިހާތަނަށް ވަކިކުރި ބައެއް ބޭފުޅުންގެ ތެރޭގައި؛

  1. އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ
  2. ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް)
  3. އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު
  4. އެންވާރްމަންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން
  5. ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ އާޝިޔަތު އަލައިކާ އަދުނާން ހިމެނެއެވެ.
ޑޮމޮކްރެޓްސް އަށް ސޮއިކުރުން ކުރިއަށް ދަނީ

ދަ ޑިމްކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ދާއިރު އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ޕާޓީ އުފެދުނީއްސުރެ ބޭނުން ކުރަމުން ދިޔަ ހަރުގެ އަތުލުމަށް އިމާރާތުގެ ވެރިފަރާތުން މަސައްކަތް ކުރަމުން ދާތީ، އެމްޑީޕީގެ މުދަލާއެކު ތަޅުލާ ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އިއްޔެ ޑިމޮކްރެޓްސް އެތަނަށް ވަނީ ވަދެގެންފައެވެ.

ޑިމޮކްރެޓްސް އެތަނަށް ވަނީ އިމާރާތުގެ ވެރިފަރާތް، ޝަފިއްޔާ ޒުބައިރުގެ ވެސް ހާޒިރުގައި އެތަނުގައި ތަޅު ހަލާކުކޮށްލައިގެންނެވެ.