ރަޝިއާއިން ބެލެސްޓިކް މިސައިލާއި ޑްރޯން ހިމެނޭހެން ވަރުގަދަ ހަމަލާތަކެއް ޔޫކްރައިންގެ ވެރިރަށް ކީވް އަށް ދީފިއެވެ.
މި ހަމަލާތަކުގައި ލިބުނު ގެއްލުންތައް ފެންނަ ބައެއް ފޮޓޯ ތަކާއި ވީޑިއޯތައް އާންމުވެފައި ވާ އިރު، ބައެއް އިމާރާތްތަކުގައި ރޯވެ، ބައެއް ވެހިކަލްތައް ވެސް ވަނީ ހަލާކުވެފައެވެ.
މިއީ ހަނގުރާމަ ފެށިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ހަމަލާ ދިން އެއް ދުވަހެވެ. ޖުމްލަ 35 ޑްރޯން ހަމަލާ އާއި 40 މިސައިލް ހަމަލާ ދިން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. ނަމަވެސް ޔޫކްރައިންގައި ހުރި ދިފާއީ ނިޒާމުތަކުން 29 ޑްރޯނެއް ވައްޓާލާފައި ވާ އިރު 37 މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ.
ރަޝިއާއިން ކީވް އަށް ހަމަލާދެމުން ގެންދާ އިރު، ހަތިޔާރު އެޅި ރަޝިއާ އާ ދެކޮޅަށް ހަނގުރާމަ ކުރާ ރަޝިއާގެ ފައުޖުތަކުން ބެލްގްރޮޑްގެ އެކި މަގާމުތަކަށް ދޭ ހަމަލާތައްވެސް ވަނީ އިތުރު ކޮށްފައެވެ. މީގެ އިތުރުން ޔޫކްރައިންގެ ފަރާތުންވެސް ރަޝިއާގެ ސިފައިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު، ހަނގުރާމަ ފެންނަނީ އިތުރަށް ހޫނުވެ ފުޅާވަމުން ދާތީއެވެ.
ރަޝިއާގެ ހަމަލާތައް ރެއާއި މިއަދުގެ ދުވާލުގެ ވަގުތުތަކުގައި ވެސް ކީވް އަށް އަމާޒުކުރި އިރު، ހަމަލާތަކުގެ ސަބަބުން ބައެއް މީހުން ޒަހަމްވިއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަނގުރާމަ ފެށިފަހުން މިހާތަނަށް ޔޫކްރައިން ފަޅިން 483 ކުޑަކުދިން ވަނީ މަރުވެފައެވެ. އަދި މިހާތަނަށް މަރުވި އާންމުންގެ ލިސްޓުގެ ގޮތުގައި ޔޫކްރައިން އިން އާންމު ކޮށްފައި ވަނީ ކުޑަކުދިން ހިމެނޭހެން 1649 މީހެއްގެ ނަމެވެ. އެމީހުން މަރުވި ސަރަހައްދުތަކުގެ ތަފާސް ހިސާބަށް ބަލާއިރު؛
- ހާކީވް އިން 287 މީހުން
- ކީވް އިން 128 މީހުން
- ހާސަން އިން 102 މީހުން
- ޒެފްރޯޒިއާއިން 91 މީހުން
- މައިކޮލައިވް އިން 89 މީހުން
- ޑިނިޕްރޯ އިން 72 މީހުން
- ޗަރްނީވް އިން 70 މީހުން
- ލުހާންސް އިން 67 މީހުން ހިމެނެއެވެ.
ރަޝިއާގެ އިދާރާތަކުން ބުނާގޮތުގައި، ޔޫކްރައިން އިން އާންމު ކުރަނީ އޮޅުވާލާފައިވާ ލިސްޓެކެވެ. މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އިތުރުން ލިބޭ ގެއްލުންތައް ކަމަށް ބުނެ ހާމަ ކުރަނީވެސް ނުބައި މައުލޫމާތެވެ. ރަޝިއާއިން ބުނާގޮތުން މިހަނގުރާމައިގައި ޔޫކްރައިނުން ހުޅަނގުގެ މަދަދު ހޯދި ނަމަވެސް އެކަން ވާނީ ބޭކާރު ކަމަކަށެވެ. ޔޫކްރައިންގެ އަސްކަރީ ގިނަ މަގާމުތަކެއް ހަލާކު ކޮށްލެވިފައި ވާ ކަމަށް ބުނެ ރަޝިއާއިން ބުނީ، ހުޅަނގުން އެފް16 މަރުކާގެ ބޮން އަޅާ ބޯޓު ދިން ނަމަވެސް ޔޫކްރައިންގައި އެ ބޯޓުތައް ރަމަތަ ކުރެވޭނެ އެއާޕޯޓެއް މިހާތަކު ނެތެވެ.
ރަޝިއާގެ ވާހަކަތައް އެހެން ހުރި އިރު، ޔޫކްރައިނުން ގެންދަނީ ހުޅަނގުގެ އަސްކަރީ ޓޭންކްތަކާއި ބޮން އަޅާ ބޯޓުތައް ހޯދަމުންނެވެ. އަދި މިހާރު ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައި ވާ އިރު އިއްޔެ އާންމުވި ބައެއް ހަބަރުތަކުގައި ބުނެފައި ވަނީ، ނޭޓޯގެ އަސްކަރީ ޓޭންކްތައް ޖަރުމަނު މަގުން ރަޝިއާ އަށް ފޮނުވަމުން ދާ ކަމަށެވެ.