ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދިފާއުކޮށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމަށް ވޯޓް ދިނުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.
އިދިކޮޅު ކޯލިޝަނުން ޝާހިދު އާއި ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މޮރިޝަސް މައްސަލައިގައެވެ. ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ބުދަ ދުވަހަށް ތާވަލް ކޮށްފައި ވާއިރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކޮށްފައި ވަނީ ޖޫންމަހުގެ 06 ވަނަ ދުވަހަށެވެ.
މީގެ އިތުރުން އެމްޑީޕީގެ ތެރެއިން އުފެދުނު ފިކުރެއްގެ ދިރުން ފެކްޝަންއިން އުފެދިގެންއައި 'ދަ ޑިމޮކްރެޓްސް' ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ އީވާގެ އިތުބާރު ނެތް މައްސަލަ ވެރިކަން ކުރާ މައި ޕާޓީން ހުށަހަޅާފައި ވަނީ އޭނާ އެމްޑީޕީ އިން ވަކިވުމާ ގުޅިގެންނެވެ. އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ 50 މެންބަރުން ވަނީ ސޮއިކޮށްފައެވެ. އަދި އީވާގެ އިތުބާރު ނެތް މައްސަލައިގެ ވޯޓަށް އެހުން ތާވަލް ކޮށްފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހަށެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން އިއްތިފާގުން އީވާ މަގާމުން ވަކިކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައިވާއިރު ޝާހިދު އާއި ރިފްއަތު ދިފާއު ކުރަން ވެސް ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.