ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް)ގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީމި މަހުގެ 24 ވަނަ ދުވަހު އެ ޕާޓީ އުވާލުމަށް އީސީން ނެރުނު އަމުރު ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަަމަށެވެ. އެހެންކަމުން ހުރިހާ ގޮފިތަކާ، ކޮމިޓީތަކާ އަދި ހުރިހާ މެންބަރުންވެސް ކުރިއެކޭ އެއްފަދައިން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެމްއާރްއެމް އިން ވަނީ އެދިފައެވެ.

އެމްއާރްއެމް އިން ހިންގާ އިސްލަހީ ހަރަކާތްތައް ހުއްޓުވުމަށް މެދުނުކެނޑި މަސައްކަތްކުރަމުން ދާ ކަން ފާހަގަކޮށް އެ ޕާޓީން ބުނީ އެމްއާރުއެމް އުވާލުމަށް ކުރަމުން ދާ މަސައްކަތުގައި އަދުލު އިންސާފު ގާއިމުކުރެވޭނެކަމަށެވެ.

އީސީން، އެމްއާރްއެމް އުވާލުމަށް ނިންމީ ގާނޫނުގައި ވާ އަދަދަށް މެންބަރުން ހަމަނުވުމުންނެވެ. އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ވަނީ ނެރެފައެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެމްއާރުއެމް އުވާލުމަށް އީސީން ނިންމި ނިންމުމަށް އަމަލުކުރުން 30 ދުވަހުގެ މުއްދަތައް މަޑުޖައްސާލުމަށް އަމުރުކޮށްފައެވެ.