މޯލްޑިވިއަންގެ ފްލައިޓެއް ފުރުމަށްފަހު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ފަސިންޖަރަކަށް ދިމާވި ސިއްހީ އެމަޖެންސީއަކާ ގުޅިގެން ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މިއަދު މާލެއިން އިންޑިއާގެ ކޮޗިންއަށް ދިއުމަށް މޯލްޑިވިއަން ފްލައިޓް Q2706 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާފައިވަނީ މެންދުރުފަހު 3 ޖަހާއިރެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ ޕްލައިޓް އަލުން އެއާޕޯޓަށް ޖެއްސީ ޕްލައިޓް ނައްޓާލި ފަހުން އެ ޕްލައިޓުގައި އިން މީހަކަށް ދިމާވި މެޑިކަލް އެމަޖެންސީއަކާ ގުޅިގެން ކަމަށާއި އޭރު ގަޑިން 3:26 ކަމަށެވެ.

ސިއްހީ އެމަޖެންސީ ދިމާވި ފަސިންޖަރާއި އާއިލާގެ ތިން މީހުން ބޭލުމަށްފަހު ޕްލައިޓް ކޮޗިންއަށް ފުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ޓެކްނިކަލް މައްސަލަތައް ދިމާވެ، މިފަދަ ހާދިސާތައް ދިމާވެފައި ވާއިރު މޯލްޑިވިއަން އެއާލައިނުން މި ވަގުތު އެއާބަސް މަރުކާރުގެ ދެ ބޯޓު ގެންގުޅެއެވެ. އެ ދެ ބޯޓު އާންމުކޮށް ބޭނުން ކުރަނީ ރާއްޖެ އިން ބޭރުގެ ދަތުރުތަކަށެވެ.