ނ. މަނަދޫ ނައީމާ މޫސާ މަރާލުމަށް ބޭނުން ކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށް ފަހު ފަސްއަޅާ ފޮރުވާފައި ވާތަން ކޮނެ އެތަކެތި ނަގާފައި ވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ތަހްގީގުގެ މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް، ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ އިރާކޮޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައީމާ މަރާލި މައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ.

އެގޮތުން، އެ މައްސަލައިގެ ތަހްގީގަށް މުހިންމު ހެކިތަކެއް ހުރި ކަމަށް ބެލެވޭ ތަނެއް ފުލުހުން ފާސްކުރަމުން ގެންދާ ކަމަށާއި، ނައީމާ މަރާލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި ނަމަވެސް، ހައްޔަރުކުރި މީހުންގެ ތަފްސީލެއް އޭނާ ނުދެއްވިއެވެ.

އެކަމަކު އެ މައްސަލައިގައި މަނަދޫގެ ދެ ޒުވާނަކު ހައްޔަރުކުރި ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހް "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ނައީމާގެ މަރާ ގުޅިގެން ހައްޔަރުކުރީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައިގެ ރެކޯޑު އޮންނަ ދެ މީހެކެވެ. އޭގެ ތެރެއިން އެކަކަކީ ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލައެއްގައި ދައުވާ ލިބިފައިވާ މީހެއް ކަން ވެސް ބައެއް މަސްދަރުތަކުގައި ވެއެވެ.

ނައީމާގެ މަރާ ގުޅިގެން ކުރެއްވި އިތުރު ޓްވީޓެއްގައި ހަމީދު ވިދާޅުވީ، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ނައީމާ މަރާލުމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު އަޅާފައިވާ ވަޅުގަނޑު ހޯދައި އެ ތަކެތި ނަގާފައިވާ ކަމަށެވެ. ކޮމިޝަނަރު ވިދާޅުވީ އެ މީހުން ވަނީ އެ ތަކެތި ވަޅުގަނޑަށް އަޅައި، އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައިވާ ކަމަށެވެ.

ނައީމާ މަރާލި މައްސަލަ ތަހްގީގުކުރުމަށްޓަކައި މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުން ވަނީ މަނަދޫން ގިނަ ބައެއްގެ އިނގިލީގެ ނިޝާނާއި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައެވެ

މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. ނައީމާގެ ގޭގެ ދޮރު ހަލާކު ކޮށްލައި ފުލުހުން ވަދެ ބެލިއިރު ފެނުނީ މަރާލާފައި އޮތް އޭނާގެ ހަށިގަނޑެވެ.

ނައީމާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައި ވާތީ، ފުލުހުން އެ މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް މީގެ ކުރިން ބުންޏެވެ. ނަމަވެސް ޕޯސްޓްމޯޓަމެއް ހެދުމެއް ނެތި، ޖެހިގެން އައި ދުވަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފައެވެ.