ދުނިޔޭގެ ދިރިއުޅުމުގައި ހިތާމަތަކާއި ދަތި އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. ހިތްދަތިވާ ވަގުތުތަކުގައި ނަފްސު ކެތްތެރިކުރުވައި ތިމާގެ އިހުސާސްތައް ހަމައިންނެޓިގެން ދިޔަނުދީ ހިފަހައްޓައިލަން އެނގެނީ ބައެއް މީހުންނަށެވެ. އަނެއްބަޔަކަށް މިފަދަ ކަންބޮޑުވުން ތަކަކީ ބޮޑު ބައްޔަކަށް ވެގެން ދެއެވެ. މުޖުތަމައުގައި ވަކި ހިއްޕާލާފައިވާ ބޮޑު ވަބާއަކަށް މިކަން ވެފައިވާ އިރުވެސް ގިނަ މީހުންގެ ނަޒަރުގައި ޑިޕްރެޝަނަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އަދި އެފަދަ މީހުންނަކީ ވަރަށް ފިނޑި ބަޔަކު ކަމުގައިބުނެ 'ލޭބަލް' ވެސް ކޮށް އުޅެއެވެ.

ނަމަވެސް ހަގީގަތުގައި ޑިޕްރެޝަނަކީ ބޮޑު ބައްޔެކެވެ. އަދި ފަރުވާ ބޭނުންވެ ފަރުވާ ނުހޯދައިފިނަމަ މުޅި އުމުރަށް ދެމިގެންދާ ކަމެއްވެސް މެއެވެ. އެގޮތުން ހިތާމަވެރިކަމާއި، ކަންބޮޑުވުމާއި، ގިލަންވެރިކަމުގައި ޖެހި އެތައް ބަޔަކަށް ދިރިއުޅުމުގައި ކުރިޔަށް ދާންވީ މިސްރާބެއް ނޭނގި، ދިރިއުޅުން ބިކަވާތަން އާދެއެވެ. އެތައްބަޔަކު ނަފްސާނީ ނުތަނަވަސްކަމުގެ ތެރޭގައި ދަންޖެހިގެން، ނުވަތަ އެނޫންވެސް ގޮތަކުން، މި ހަޔާތާ ވަކިވެގެން ދިޔުމަކީ އެމީހުންގެ ކެކުޅުންތަކަށް ނިމުމެއް ގެނެސްދޭ ކަމެއްކަމުގައި ދެކެއެވެ. ނަމަވެސް އަމިއްލަ ނަފްސު ގަތުލުކޮށްލުމަކީ މާތް ﷲ ހަރާމްކުރައްވާފައި ވާ ބޮޑު ފާފައެކެވެ.

ފޮއްޓެއްގެ މަތީ އެކެނިވެރިކަމާއެކު އިނށީދެލައިގެން އިން އަންހެނެއް

ޑިޕްރެޝަން މެދުވެރިވަނީ ކީއްވެ؟

ޑިޕްރެޝަނަކީ ސެރެޓޯނިން ނަމަކަށް ކިޔާ ނިޔުރޯޓްރާންސްމިޓާ އެއް މަދުވުމުން ދިމާވާ މައްސަލައެކެވެ. މި ނިޔުރޯޓްރާންސްމިޓާ މަދުވުމަށް މަގުފަހިވާ އެތައް ކަމެއް ވެއެވެ. ބައެއް ފަހަރު ޑިޕްރެޝަނަކީ ވާރުތަވާ ބައްޔެކެވެ. މީގެ ކުރިން ޑިޕްރެޝަން ހުންނަ ނުވަތަ ޑިޕްރެޝަން ހުންނަ މީހަކު އާއިލާގައި އުޅޭ ނަމަ މި ހާލަތު ތަޖުރިބާ ކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން މިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން އެހެން ސިއްހީ މައްސަލަތައް، ހާއްސަކޮށް ސީރިއަސް ނުވަތަ ދާއިމީ ބައްޔެއް ހުންނަ މީހެއް ކަމަށްވާ ނަމަ، އޭގެ ސަބަބުން ޑިޕްރެޝަން ކުރިމަތިވެދާނެ އެވެ. ނުވަތަ ކުރިން ތަޖުރިބާ ކުރެވުނު ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ވެސް ޑިޕްރެޝަނަށް މަގުފަހި ކުރުވައެވެ. އޭގެ ތެރޭގައި ހަޔާތުގެ ކުރީކޮޅު ދިމާވި ކަންކަން ވެސް ހިމެނެ އެވެ. ލޯބިވާ މީހަކު ވަކިވުން ނުވަތަ ބޭނުންވާ ކަމެއް ހާސިލު ނުވުން ނުވަތަ އަނިޔާ ލިބުން ނުވަތަ މަސްތުވާތަކެތި ފަދަ އެއްޗެހި ބޭނުންކުރުމަކީވެސް ޑިޕްރެޝަންގެ ޝިކާރައަކަށް ވެދާނެ ކަންކަމެވެ.

ޑިޕްރެޝަންގެ އަލާމާތްތައް

ޑިޕްރެޝަންގެ އަލާމާތްތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން މި ފާހަގަކޮށްލަނީ އާންމު އަލާމާތްތައް ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަންކަމެވެ.

ހިތާމަތައް ނުފިލާނެ ކަމަށް ގަބޫލުކުރެވި ކަންބޮޑުވެ ހާސްވުން، ކަންކަމާ މެދު މާ އަވަހަށް އުންމީދު ކަނޑާލުން، ބޭކާރު އިހްސާސްތައް ކުރެވުން، އާދަޔާ ޚިލާފަށް ކަންބޮޑުވުން، ލޯބީގައި ނާކާމިޔާބުވުން، މާ ގިނައިން ކެއުން، ނުނިދިގެން އުޅުން، ކަންކަމަށް ސަމާލުކަން ނުދެވުން، ހަކަތަ ނެތުން، ކަމަކާނުލައި އުނދަގޫވުން، ބޮލުގައި ރިހުން، ނުވަތަ ހަށިގަނޑުގައި އެހެން ވޭންތައް އަދި އަމިއްލައަށް މަރުވުމުގެ ފިކުރު ކުރެވުމަކީ ޑިޕްރެޝަންގެ އެންމެ އާންމު އަލާމާތްތަކެވެ.

ރާއްޖޭގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސް ކުރެވިފައިވާ މީހުން ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ. ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން "ކިހިނެއް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ގޮތުން ދުޅަހެޔޮވުމަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮވުން ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާއިރު، އެ ބަލިތަކާއެކު އެ މީހުންގެ ނަފްސާނީ މައްސަލަ ބޮޑުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ޑަބްލިއުއެޗްއޯގެ ސްޓެޕްސް ރިސާޗު އޮން ރިސްކް ފެކްޓާސް ފޯ ނޮން-ކޮމިއުނަބްލް ޑިސީސްގެ ރިޕޯޓާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ ދިމާވާ މީހުން ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީކުރުން. ހޭލުންތެރިކަން އިތުރުކުރުމާއި ޕްރިވެންޝަނަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ގަބޫލުކުރަން. އަމިއްލަ ނަފްސަށް އެހީތެރިވާނެ ގޮތްތައް ދެނެގަނެ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން ފަދަ ކަންކަމުން ގިނަ ފައިދާތަކެއް ކޮށް، ސިއްހީގޮތުން ދުޅަހެޔޮ ފަރުދަކަށް މީހާ ބަދަލުވޭ،
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ސިއްހަތަކީ އަސާސީ އިންސާނީ ހައްގެއް ކަމަށާއި އެ ހައްގު ކަށަވަރު ކުރެވޭނީ ނަފްސާނީ ސިއްހަތު ވެސް ކަށަވަރު ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޕްރެޝަނަކީ ފަރުވާ ހޯދޭނެ ބައްޔެއް، ލަސްނުކުރޭ!

ޑިޕްރެޝަނަށް ވަރަށް ގިނަ ބާވަތްތަކުގެ ފަރުވާ ދެވެއެވެ. ތަފާތު މީހުންނާ ގުޅޭނީ ތަފާތު ފަރުވާއެވެ. އެކަކަށް ކަމުދާ ފަރުވާއެއް އަނެކަކަށް ކަމުނުގޮސްދާނެއެވެ. ބައެއް ފަހަރު ބަލިމީހާއަށް ފައިދާވާނީ ދެތިން ވައްތަރުގެ ފަރުވާ ތަޖުރިބާ ކޮށްގެންނެވެ. މިބައްޔަށް ފަރުވާކުރުމުގައި ޑިޕްރެޝަން ކުރިމަތިވީ ކީއްވެގެންކަން އެނގުމާއި، ނަފްސާނީގޮތުން އައިސްފައިވާ ބަދަލުތަކަށް ސަމާލުކަން ދިނުން މުހިއްމެވެ.

ޑިޕްރެޝަން ބަލީގެ މީހަކަށް ޑޮކްޓަރު ފަރުވާ ދެނީ

ފަރުވާހޯދާއިރު ވިސްނަންޖެހޭ އަނެއްކަމަކީ މިއީ ކުއްލިއަކަށް ރަނގަޅުވާނެ ބައްޔެއް ނޫންކަމާއި، އެހެން ބަލިތަކެކޭ އެއްފަދައިން ފަރުވާ އާއެކު މަޑުމަޑުން ރަނގަޅުވާނެ ބައްޔެއް ކަމެވެ. 6 މަހަށް ވުރެ ގިނަދުވަހު ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭނަމަ ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދުމަކީ މުހިންމު ކަމެކެވެ. ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ބޭސް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކައުންސެލިން ނެގުމަކީވެސް ޑިޕްރެޝަނަށް ދެވިދާނެ ރަނގަޅު ފަރުވާއެކެވެ. މީގެ އިތުރުން ދީނީ އަދި ރޫހާނީ ފަރުވާވެސް ޑިޕްރެޝަނަށް ދެއެވެ. މިބަލިން އަރައިގަތުމަށްޓަކައި ކިޔާ ތަފާތު ދުއާތައް ހުރެއެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި މި ކަންތައްތައް ދެނެގަނެވިދާނެއެވެ.

ޑިޕްރެޝަނަށް ދެވޭނެ އެކަށޭނަ ފަރުވާ ހޯދިފައި ހުއްޓަސް، މި ބަލި ކުރިމަތިވެފައިވާ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ލިބެނީ 10 ޕަސެންޓަށް ވުރެ މަދު ޕަސެންޓެއްގެ މީހުންނަށް ކަން ފާހަގަ ކޮށްލެވެއެވެ. މިގޮތަށް ދިމާވާންޖެހޭ ސަބަބުތަކުގެ ތެރޭގައި ފަރުވާދެވޭނެ މަސްދަރުތައް ފަހިވެފައި ނެތުން، ތަމްރީނު ލިބިފައިތިބި މީހުން ނެތުން، ރަނގަޅަށް ބަލިމީހާގެ އެސެސްމަންޓް ނުހެދުމުގެ ސަބަބުން ބަލިހުރިކަން ދެނެނުގަނެވުން، އަދި ނަފްސާނީ ބަލިތަކާމެދު މީހުން ދެކޭގޮތް ތަފާތުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން މިކަމަކީ ސީރިއަސް ކަމެއްކަމުގައި ދެކި ހޭލުންތެރިވެ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.