މިދިޔަ އަހަރު އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޏ. ފުވައްމުލައް، ކުރި، ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލި ކަމުގެ ތުހުމަތު ކުރެވޭ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް އަށް ދައުލަތުން ވަކީލަކު ހަމަޖައްސަ ދިނުމަށް ފަހު އަޑުއެހުންތައް ފަށައިފިއެވެ.

ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި، ޝިއާއުގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

މިދިޔަ ޖަނަވަރީ މަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ޝިއާއުއަށް ދީފައިވާއިރު އޭނާގެ މައްޗަށް ވަނީ ފަސް ދައުވާއެއް އުފުލާފައެވެ. މިގޮތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެވެ. އަދި އިތުރު ދެ ދައުވާއެއް އުފުލާފައިވާއިރު އެއީ ކޮން ދެ ދައުވާއެއް ކަން ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.

ޤާނޫނުއަސާސީގައިވާ ގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލައަށް ވަކީލަކު ހޯދޭ ފެންވަރު ނެތްނަމަ ދައުލަތުގެ ހަރަދުގައި އެ މީހަކަށް ވަކީލަކު ހަމަޖައްސައިދޭން ޖެހޭނެއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި ދެވަނަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން އޭނާއަށް ހަމަޖައްސަދިން ވަކީލާއެކުއެވެ. ކްރިމިނަލް ކޯޓުން ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލައިގައި މިއަދު އޮތީ ލިޔެކިޔުންތައް ހާމަކުރުމެވެ.