ހުޅުމާލެއިން މާލެއަށް އާދެވޭ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެން ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިން އަރިހަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޒިޔާރަތް ކުރައްވައިފިއެވެ.

ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:20 ހާއިރު ހިނގި މި އެކްސިޑެންޓްގައި މެންބަރު ސައުދަށް އަނިޔާވެގެން ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.

މި އެކްސިޑެންޓްގައި ސައުދަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު، އޭނާގެ އަތުގެ ކޮނޑުހުޅާއި ފައިގެ ކަކުލު ހުޅާ ދިމާލުގެ މަސްގަނޑު އިރިފައިވާ ކަމަށާއި އަދި އަތުގެ ކުޑަހުޅަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މަސްގަނޑު އިރިފައިވާ ތަންތަން ފެހުމަށް އޮޕަރޭޝަން ކޮށްފައިވާ އިރު، ސައުދުގެ ހާލު އަންނަނީ ސްޓޭބަލް ވަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ސޯލިހް ސައުދު އަރިހަށް ވަޑައިގެން ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން އާންމުންގެ މީހަކު ކުރި ޕޯސްޓެއްގައި ވަނީ، މެއި 6 ގައި ދިން ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވާލައްވަން "މިގޮތަށް ރައީސް ސޯލިހަށް ވަޑައިނުގެންނެވުނީ އެމަނިކުފާނު ރުޅި ދުރުވާލެއް ބޮޑުކަމުން ކަމަށް ތޯ" ސުވާލު އުފައްދާފައެވެ.

އާންމުންގެ މީހަކު މިފަދައިން ބުނެފައިވާ އިރު، ދާދި ފަހުން މެއި 6 ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވަނީ އޭނާ ރައީސް ސޯލިހް ދެކެ ހިތްހަމަ ޖެހިވަޑައި ނުގެން އެއް ކަމަކީ ބޮމުގެ ހަމަލާއަށް ފަހު ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ދުވަސްވަރު ރައީސް ނަޝީދުގެ ހާލު ބެއްލެވުމަށް ރައީސް ގުޅުއްވާފައި ނުވުން ކަމަށް ވިދާޅުވެއެވެ. އަދި ނަޝީދުގެ ހާލުކޮޅު ރައީސް ސޯލިހް ބައްލަވާފައި ނުވަނީ ނަޝީދު ރުޅި ދުރުވެ އެއްޗެހި ކިޔުއްވާތީ ކަމަށް ސޯލިހް ވިދާޅުވި ކަމަށާއި، އެފަދަ ވަގުތެއްގައި ރަހްމަތްތެރިޔާ އެއްޗެހި ކިޔަސް ގުޅައިގެން ހާލު ބަލަން ވާނެ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

މި ފޮޓޯއާއި އަދި އީވާ ދެއްކެވި ވާހަކަތަކާ ގުޅުވާ ގިނަ ބަޔަކު ރައީސް ސޯލިހަށް ފާޑުކިމުން އައި ކަމުގައި ވިޔަސް އެއް ބަޔަކު ރައީސް ސޯލިހް ދިފާއު ކޮށް ވަހަކަ ދައްކައެވެ. އެ ގޮތުން ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނު އޭޑީކޭއަށް ގެންގޮސް ފަރުވާ ދިން އިރު ރައީސް ސޯލިހް އޭޑީއޭއަށް ވަޑަިއގެންފައި ވާކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

އީވާ އެ ތުހުމަތު ރައީސް ސޯލިހަށް ކުރެއްވި އިރު، ރައީސް ވަނީ ނަޝީދަށް ގުޅުއްވި ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވިދާޅުވެފައެވެ.