ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ހަރުފަތަކަށް ގެންދިއުމުގެ ލަނޑުދަނޑިތަކާއެކު ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން މާދަމާ ލޯންޗްކުރަން ނިންމައިފިއެވެ.

ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭނާ އެކު ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތް ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ފަސް ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު 2019 ގައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދުގެ ވަޒީރުކަމުގައި ފެށި އެ މަސައްކަތައް ބޭނުންވާ ފައިސާ ހަމަނުޖެހުމުން މަސައްކަތް މަޑުޖެހުނެވެ. އަދި އެއަށްފަހު ކޮވިޑާ ގުޅިގެން އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލިއެވެ.

އެމަސައްކަތް ފަހު އަލުން ފެށުނީ 2021 ގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ އެހީއާ އެކީގައެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. 2021 އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މި ދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ވާނެ ކަމަށް ބެލެވޭ އެއް ސަބަބަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލް ކަމަށްވާ ޗައިނާ އިން މިއަހަރުގެ ޖެނުއަރީ މަހު ފަތުރުވެރިން އަންނަން ފެށުމެވެ.