ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާ މައްސަލަތަކުގައި ގާނޫނީ ވަކީލުން ސިޔާސީ ނުކުރެއްވުމަށާއި ގާނޫނީ ފަންނަކީ ޕްރޮފެޝަނަލް މިންގަނޑުން މުޅި ރާއްޖެއަށް ހިދުމަތްދޭ ބައެއްގެ ގޮތުގައި ތިބޭ ތިބުން ބަދަލު ނުކުރުމަށް ބާ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ބާ ކައުންސިލްގެ ތިން މެންބަރުން ކަމުގައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި، އައިޝަތު އާޒިމާ ޝަކޫރާއި، ދިޔާނާ ސައީދު ގޮވާލައްވައިފިއެވެ.

މި ތިން ބޭފުޅުން ގުޅިގެން ބާ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ޗާގޯސް މައްސަަލައިގައި ގާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) 7 ވަނަ މާއްދާގެ (ޑ) އިން ތަސައްވުރު ކުރާ ފަދަ ފަންނީ ދިރާސާއެއްކޮށް އެ ދިރާސާގެ މައްޗަށް ރައުޔެއް ހާމަކުރުމުގެ ފުރުސަތު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މިހާރު ގެއްލިފައިވާ ކަމަށެވެ.

ގާނޫނު ހަމަޖެހިފައިވާ ގޮތުން ބަންޑާރަނައިބަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްވާ ހިނދު ޗާގޯސް މައްސަލައާ ގުޅިގެން ބަންޑާރަނައިބު އިބްރަހިމް ރިފްއަތު ޖަވާބު ދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި މައްސަލައިގައި ރައުޔެއް ނެރުމަކީ މަސްލަހަތުގެ ފުށުއެރުން މެދުވެރިވާ ކަމެއް ކަމަށް އެ ސިޓީގައި ވެއެވެ.

އެހެންކަމުން މި މައްސަލައިގައި ބާ ކައުންސިލުގެ ރައުޔެއް ހާމަކުރެއްވުމުގެ ވިސްނުން ދޫކޮށްލުމަށް ބާ ކައުންސިލުގައި ހިމެނޭ މެންބަރުންގެ ހައިސިއްޔަތުން އިލްތިމާސްކުރައްވާ ކަމަށް އެ ސިޓީގައި ވެއެވެ. ބަންޑާރަނައިބުގެ އަމިއްލަ މަސްލަހަތު ޝާމިލްވާ ކަމެއްގައި ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންނަށް ނިސްބަތްވާގޮތަށް ބާ ކައުންސިލު ބޭނުން ކުރުމަކީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަމުގެ ތެރެއަށް ބާ ކައުންސިލު ވެއްދުން ކަމަށާއި، މިއީ ޅަފަތުގައި އޮތް މުއައްސަސާއެއްގެ މުސްތަގްބަލު ހަލާކުވެދާނޭ ފަދަ ކަމެއްކަމުގައި ދެކޭ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މިދިޔަ މަހުގެ 28 ގައި އިޓްލޮސްގައި ނިމި ދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯމީޓަރު ލިބިފައެވެ. އެގޮތުން މި މައްސަލަ ނިމުނު އިރު ރާއްޖެއަސް ލިބިފައި ވަނީ 135 ނޯޓިކަލް މޭލެވެ.

މި މައްސަލައިގައި ރާއްޖޭގެ ގާނޫނުން ކަނޑައަޅާފައިވާ އަދި ދިވެހި މަސްވެރިން ޒަމާނުއްސުރެ ބޭނުން ކުރަމުން އައި 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން 45,331 އަކަ ކިލޯމީޓަރު ގާނޫނީ އިންތިޒާމްތަކާ ހިލާފަށް ދޫކޮށްލާފައި ކަމަށް ބުނެ ގިނަ ސިޔާސީ ފަރޤތަކަުން އަންނަނީ ސަރުކާރާ ދެކޮލަށް އަޑު އުފުލަމުންނެވެ. އެގޮތުން އިދިކޮޅު ސިޔާސީ ޕާޓީތައް އެކުވެ "ކަންޑު ވިއްކުމާ ދެކޮޅު" ނަމުގައި އިއްތިހާދެއް އުފައްދާއި ސަރުކާރަށް ދެކޮޅަށް އަޑުއުފުލަމުން އަންނަ އިރު، އެ އިއްތިހާދުގައި އާޒިމާއާއި މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.