ހުޅުމާލެއިން މާލެއަށް އާދެވޭ ހައިވޭ މަތީގައި ހިންގި އެކްސިޑެންޓެއްގައި ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިންއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެނެ ކަމަށެވެ. މިއަދު މެންދުރު 12:20 ހާއިރު ހިންގި މި އެކްސިޑެންޓްގައި މެންބަރު ސައުދަށް އަނިޔާވެގެން ފަރުޥާ ދިނުމަށް އޭޑީއޭކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ސައުދަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދިން ނަމަވެސް މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި ސައުދަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު، އޭނާގެ އަތުގެ ކޮނޑުހުޅާއި ފައިގެ ކަކުލު ހުޅާ ދިމާލުގެ މަސްގަނޑު އިރިފައިވާ ކަމަށާއި އަދި އަތުގެ ކުޑަހުޅަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މަސްގަނޑު އިރިފައިވާ ތަންތަން ފެހުމަށް އޮޕަރޭޝަން ކޮށްފައިވާ އިރު، ސައުދުގެ ހާލު އަންނަނީ ސްޓޭބަލް ވަމުން ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓާ ގުޅިގެން އޭނާގެ އާއިލާ އާއި، ރަހްމަތްތެރިން އަދި ދާއިރާ މީހުންނާއި ބައެއް ސިޔާސީ ބޭފުޅުންވެސް އަންނަނީ ސައުދަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދި ހެޔޮ ދުއާގެ މެސެޖްތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.