ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ފިއްތާލާފައި އޮންނަ ޗައިނާގައި ކޮމިޑިއަނަކު ޗައިނާގެ އަސްކަރިއްޔާ އަށް ޖޯކު ޖެހި މައްސަލައިގައި 2 މިލިއަން ޑޮަލަރުން ޖޫރިމަނާ ކޮށްފިއެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސްލޯގަނެއްގެ ގޮތުގައި ބޭނުން ކުރާ "ފައިން ސްޓައިލް އޮފް ވޯކް، ކޭޕަބަލް އޮފް ވިނިން ބެޓަލްސް" [ހަނގުރާމަ ކާމިޔާބު ކުރުމުގެ ކުޅަދާނަކަން ވަނީ ތަރުތީބުން ކުރާ މަސައްކަތުން] ކޮމީޑިއަން ބޭނުން ކުރީ ސްޓޭޖް ޕާފޯމަންސެއްގައި ޖޯކެއްގެ ގޮތުގައެވެ. އޭނާ ޖޯކު ފެށީ، ޝެންގަހާއީ އަށް އޭނާ ބަދަލުވި އިރު އެކަހެރިކޮށް އޮތް ދެކުއްތާއެއް ގެންގޮސް އެޑޮޕްޓް [ކާންދީ ބަލަހައްޓާ ގެންގުޅުން[ ކުރި ގޮތުގެ ވާހަކައިންނެވެ. އެއާއެކު އެއްދުވަހަކު އެ ދެ ކުއްތާ، ސްކެރަލް އެއް ފަހާ ދުވި ހިސާބުން ހަނދާނަށް އަންނަނީ 8 ބަސް ކަމަށް ބުނެއެވެ. އެއީ އެ ސްލޯގަން އެވެ.

މި ސްލޯގަން އަކީ، ޗައިނާގެ އަސްކަރިއްޔާގެ ވެސް ވެރިޔާ އަދި ރައީސް ޝީ ޖިންގް ޕިން 2013 ގައި އަސްކަރިއްޔާއަށް ދެއްވި ސްލޯގަންއެކެވެ. އޭގެ ފަހުން އެތައް މުނާސަބަތެއްގައި އެ ސްލޯގަން ދިޔައީ ބޭނުން ކުރަމުންނެވެ.

ނަމަވެސް އަސްކަރިއްޔާ އާ ގުޅޭ ގޮތުން ޖޯކު ޖެހުމާއި ފާޑު ކިޔުން ފަދަ ކަންކަމަކީ ޗައިނާގައި މަނާ ކޮށްފައި ވާ ހަރުކަށި އަދަބު ލިބޭ ކަންކަމަށް ވާއިރު، އެ ސްލޯގަން ބޭނުން ކޮށްގެން ޖޯކު ޖެހުމަކީ ހަޖަމް ކުރެވޭ ވަރުގަ ކަމަކަށް އެގައުމުގެ ވެރިންނަކަށް ނުވިއެވެ.

ޝަންގްހައި ޝިއާގޯ ކަލްޗާ މީޑިއާގެ ފަރާތުން ބޭއްވި ޝޯގައި ކޮމިޑިއާން އެ ސްލޯގަން ބޭނުން ކުރުން ބޮޑު ކުށަކަށް ވެ 2 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނިންމާ، އެގައުމުގެ އިދާރާތަކުން ބުނެފައި ވަނީ، އޭނާގެ ޖޯކަކީ އަސްކަރިއްޔާ އަށް ކުރި މަލާމާތެއް ކަމަށާއި އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަސްކަރިއްޔާގެ މައްޗަށް ނުބައި ތަސައްވުރެއް ވެސް އުފެދިގެން ދާ ކަމަށެވެ.

އެއާއެކު އެގައުމުގެ ކަލްޗާ މިނިސްޓްރީން ބުނީ، އާންމުގެ ހިތުގައި އަސްކަރިއްޔާ އަށް އޮތް ލޯތްބާއި އަސްކަރިއްޔާ އަށް ދެވިފައިވާ ގަދަރު ކުޑަވާ ގޮތަށް އެއްވެސް ފަރާތަކުން ޖޯކު ޖެހުމަކީ މަޖާ ކަމެއް ނޫންކަމަށެވެ.

މި މައްސަލައިގައި ކޮމީޑިއަން ޖުރިމަނާ ކޮށް، އޭނާގެ ޝޯ ބޭއްވި ކުންފުންޏަށް މީގެ ފަހުން ބެއިޖިންގައި ޝޯ ދިނުންވެސް މަނާކޮށްފައި ވާ އިރު އެކަމާ ފާޑުކިޔާ ފަރާތްތަކަށް ޝުއޫރުފާޅުކުރަންވެސް ލިބިފައި ވަނީ ހަނި ފުރުސަތެކެވެ. ޗައިނާގައި ބޭނުން ކުރާ މީޑިއާގެ ހުރިހާ ވަސީލަތަކީ، ސީދާ ސަރުކާރުގެ ކޮންޓްރޯލްގައި އޮންނަ ވަސީލަތްތަކެއް ކަމުން، ސެންސަރު ކުރުމާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވާ ހުރިހާ ކޮންޓެންޓެއް ނަގާ ފުހެލައެވެ.

ކޮމީޑިއަންއަށް 2 މިލިއަންގެ ޖޫރިމަނާ އާ ކުރިމަތިވުމުން، އޭނާ މައާފަށް އެދި އެފަދަ ކަމެއް ދެން ދުވަހަކުވެސް ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ ތަމްސީލު ކުރި ކުންފުނިން ބުނެފައި ވަނީ، އެ ކުންފުނީގެ ޝޯތައް އިތުރަށް ފިލްޓާ ކޮށް، ކޮންޓެންޓް މެނޭޖަރުންނާއި އަދި މިނިވަން ޕެނަލިސްޓުން ލައިގެން ބަލާނެ ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް މައާފު ދިނުމެއް ނެތި ކަލްޗާ މިނިސްޓްރީން ވަނީ އަދަބު ދީފައެވެ.