މޫދަށް ކުނި އެޅުމާ ގުޅިގެން ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓަށް ކުރި ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ 45،000 ރުފިޔާއަށް ކުޑަކޮށްފިއެވެ.

ވ. އަލިމަތާގައި ހިންގާ ނަކައި އަލަމަތާ ރިސޯޓުން މޫދަށް ކުނި އެޅުމާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން އެ ރިސޯޓް ތިންލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވަނީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެ ރިސޯޓުން މައްސަލަ އިސްތިއުނާފް ކުރުމާ ގުޅިގެން، މައްސަލަ ބެލުމަށް ފަހު އީޕީއޭއިން ކަނޑައެޅި ޖޫރިމަނާ އިސްލާހު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންގާފައި ވާކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މި ޖޫރިމަނާ ކުޑަކުރުމަށް އަންގާފައި ވަނީ އަލިމަތާ ރިސޯޓުން ގަވައިދާ ހިލާފަށް ކަނޑަށް ކުނިއެޅިކަން ކަށަވަރު ވާނެ ފަދަ ލިޔެކިޔުމެއް ނެތުމުންނެވެ. އަދި މިއީ ކުނި މެނޭޖު ކުރުމާބެހޭ ގަވާއިދާ ހިލާފުވެގެން އެ ރިސޯޓަށް ފިޔަވަޅު އެޅޭ ފުރަތަމަ ފަހަރު ކަމަށް ވާތީ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައި ވާ ކުނިމެނޭޖު ކުރުމުގެ ގަވައިދުން ކުރި ޖޫރިމަނާ ކުޑަކޮށް ކަނޑައެޅި 45000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގަފައެވެ.

ކުނި މެނޭޖް ކުރުމުގެ ގަވައިދާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ކަނޑައަޅާފައި ވާއިރު އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައި ވަނީ ކަނޑަށް ނުވަތަ މޫދަށް ކުނި އަޅާ ފަރާތްތަކަށެވެ.