މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ސްކްރީންކުރި "ވަނާޖުބޭސާ" އަތޮޅުތަކުގައި ދައްކަން ނިންމައިފިއެވެ.

މި ފިލްމުގެ ފަސް ޝޯ އެއް އޮލިމްޕަހުގައި ކާމިޔާބު ކަމާއެކު ދައްކާ ނިންމުމަށްފަހު އާންމުންގެ އެދުމުގެ މަތިން ވަނީ ފިލްމުގެ އެއް ޝޯ ފަހުން އަޅުވާފައެވެ. މި މަހުގެ 31 ވަނަ ދުވަހު ފ ނިލަންދޫގައި މި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާއިރު ނ ކެނދިކުޅުދޫގައި މި ފިލްމު ދައްކާނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. އަދި ބ ދޮންފަނުގައި މި ފިލްމު އަލުވާނީ އަންނަ މަހުގެ 8 ވަނަ ދުވަހުއެވެ.

މި ފިލްމު ބަލަން ދިޔަ އެންމެންވެސް ބުނީ މި ފިލްމަކީ ހެއްވާ މަޖާ ފިލްމެއްކަމަށެވެ. ޕާޓިކަލްސް ސްޓޫޑިއޯ އާއި ވާންޗޯ އެންޓަޓެއިންމަންޓާ ގުޅިގެން އުފައްދައިފައިވާ 1 ގަޑިއިރާއި 45 މިނެޓުގެ މި ފިލްމަކީ ވިޝާލް ޒަކީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާފައިވާ ރީތި މޮޅު ފިލްމެކެވެ.

"ވަނާޖުބޭސާ" ފިލްމުގެ ތަރިންނަކީ ނާޒިރު ޝިހަމް، ހުސައިން ޝާދު، މުހައްމަދު ސައީދު، އައިޝަތު ރިމްޝާ، އަހްމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީއެވެ.

ބެލުންތެރިންގެ އިތުރުން ދިވެހި ފިލްމީ ތަރިންވެސް މި ފިލްމަށް ތައުރީފްކޮށްފައިވާއިރު އެންމެން ވެސް ބުނަނީ "ވަނާޖުބޭސާ" އަކީ ނުބަލާ ދޫކޮށްނުލެވޭ ވަރުގެ ފިލްމެެއް ކަމަށެވެ.