ފްލެޓް ދޭނެ ކަމަށް ބުނެ މަކަރާ ހީލަތުން ފައިސާ ނަގަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި ކުއްލި މައްސަލައެއްގެ ގޮތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި މި މައްސަލައިގައި ދިވެހި ރައްޔިތުންގެ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުން ފައިސާ ނަގާ ބޯހިޔާ ވަހިކަމުގެ ގޮތުން ވިއްކާ ފްލެޓް އިމާރާތްކޮށް ހަވާލުކޮށް ލަސްވަމުންދާ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.

މިގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުން ދިޔަ ބައެއް ޕްރޮޖެކްޓަތައް ހުއްޓި ކުރިއަށްނުގޮސް މަކަރާއި ހީލަތުން އެއް ފްލެޓް ގިނަ ފަރާތްތަށް ވިއްކާކަމުގެ ތުހުމަތު ކޮށްފައިވާ ކަމަށާއި ބައެއް ފްލެޓް އިމާރާތްތައް ނިންމައި ހަވާލުކުރަން ބުނި ތާރިހު ފަހަނައަޅައިގޮސް ނުނިމި ލަސްވަމުންދާ ކަމަކީ ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެ ކުއްލި މައްސަލަގައި ވެއެވެ.

މި ކުއްލި މައްސަލައިގައި ބުނީ، މިގޮތަށް ލަސްވުމުގެ ސަބަބުން މިހާރު އުޅެމުންދާ ތަނަށް ކުލި ދެއްކުމުގެ ބުރަ ދެގުނަވެ އާންމު ރައްޔިތުން ވިކިވެފައިވާ އިރުވެސް ކަމާ ބެހޭ އިދާރާތަކުން އަދި ބެލެނިވެރިފަރާތްތަކުން އެދެވޭ ފިޔަވަޅެއް އަޅާތަން ފެންނަން ނެތް ކަމަށެވެ.

ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް އެވޯޑުކުރުމުގައި ބަލަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން މަސައްކަތް ހަވާލުކުރާ ފަރާތުން އެކި ފަހަރު އެކި ގޮތަށް އުޒުރު ދައްކާ އާންމު ރައްޔިތުންގެ ތެރެއިން އެއްބަޔަކު އުމުރު ދުވަހު މަސައްކަތްކޮށްގެން ފައިސާކޮޅާއި، އަނެއް ބަޔަކު ބޮޑެތި ލޯނު ނަގައި ދަރަނިވެރިވެގެން ހޯދާ ފައިސާކޮޅު މަކަރާއި ހީލަތުން ނިގުޅައިގަންނަމުންދާއިރު، ރައްޔިތުންގެ ހައްގު ރައްކާތެރިކޮށްދޭން އެއްވެސް މުއައްސަސާއަކުން ނޫޅޭކަމަށް ވެސް އެމައްސަލައިގައި ބުނެފައިވެއެވެ.

އެމައްސަލައިގައި ބުނީ، މިފަދަ މައްސަލަތައް ދިގުލައިގެން ދިއުމަކީ މިގޮތަށް ފައިސާ ދައްކައި، ފްލެޓުނުލިބި ގެއްލުން ލިބުނު ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލާތައް ނުހަނު ކަންބޮޑުވެ، އެފަރާތްތަކަށް އިންތިހާއަށް ގެއްލުންވަމުންދާ ކަމެއް ކަމަށެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.