އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި މިއަދު ބާއްވަން ތައާވަލް ކުރި ޝަރީއަތް ކެންސަލް ކޮށްފިއެވެ.
މެރީގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާ އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތައާވަލް ކުރުމަށް ފަހު އެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އެހެން ޝަރީއަތެއްގައި ލަމްހާގެ ދިފާއީ ވަކީލުން ތިއްބެވުމާ ގުޅިގެންނެވެ.
އެ މައްސަލައިގެ އަޑުއެހުން ދިގުލައިގެން ދާތީ ލަމްހާ އާއި މާވިންއަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފައި ވާއިރު މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހެވެ.
މީގެ ތިން މަސްކުރިން ބޭއްވި އަޑުއެހުމުގައި ތިން މީހެއްގެ ހެކިބަސް ނަގާފައިވާއިރު މިއަދުގެ އަޑުއެހުމުގައިވެސް ނިންމާފައިވަނީ ހެކިންގެ ހެކި ބަސް ނެގުމަށެވެ. މިއަދު ބާއްވަން ނިންމި އަޑުއެހުން ކެންސެލްވެފައިވާއިރު ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާއި ދެކޮޅަށް ދައުލަތުން އެއް ހެކިތަކެއް ހުށަހަޅާފައި ވާއިރު އެއީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކާއެކު ޖުމްލަ 110 ހެއްކެވެ.