ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެއާއި ޗައިނާގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާކުރައްވާފައިވަނީ ރައީސް ސޯލިހުގެ އަރިހަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ގަވަރުނަރާއި އެމަނިކުފާނުގެ ވަފުދަށް ރައީސް މަރުހަބާ ވިދާޅުވެ، ރާއްޖެއާ ޗައިނާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ދެގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަަމަށެވެ.

މިގޮތުން ހާއްސަގޮތެއްގައި ފަތުރުވެރިކަމާއި، ތައުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އާއި ޗައިނާގެ ޔުނާން ޕޮރޮވިންސްގެ ގަވަރުނަރު ވަނީ، ބައިނަލްއަގްވާމީ މައިދާނުގައި ދެގައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެކު، ރާއްޖެއާ ޗައިނާ އާއި ދެގައުމުގެ މެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިސްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ދޭ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަވެއެވެ. އަދި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަގައި، ކުރިޔަށް އޮތްތަނުގައި ވެސް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތުން ދެގައުމަށް ފައިދާހުރި މަޝްރޫއުތައް ދެގައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.