ކުރިއަށް އޮތް ބޮޑު އީދާ ބަންދާ ދިމާކޮށް ޑިމާންޑު އިތުރުވާ ވަރަށް ދަތުރުތައް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕީއާރް މެނޭޖާ އަހްމަދު މުޝްއިލް ސޮބާހް ވިދާޅުވީ، އީދު ބަންދާ ދިމާކޮށް ޓިކެޓުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި ޑިމާޑަށް ބަލާފައި އީދަށް ފްލައިޓްތައް އިތުރުކުރާނެ ކަމަށެވެ.

އާންމު ގޮތެއްގައި އީދަށް ދެ ތިން މަސް ކުރިން މީހުން ބުކިން ހަދާ ކަމަށް ވެސް މުޝްއިލް ފާހަގަ ކުރެއްވިއެވެ.

މޯލްޑިވިއަންގެ ޑޮމެސްޓިކް ޓިކެޓުގެ އަގުތައް:

  • ފުނަދޫ: 1464 ރުފިޔާ (އަވަހަށް ޓިކެޓު ނަގާނަމަ 1318 ރުފިޔާ)
  • ހަނިމާދޫ: 1464 ރުފިޔާ (އަވަހަށް ޓިކެޓު ނަގާނަމަ 1318 ރުފިޔާ)
  • ދަރަވަންދޫ: 1125 ރުފިޔާ (އަވަހަށް ޓިކެޓު ނަގާނަމަ 840 ރުފިޔާ)
  • އައްޑޫ (ގަން) 1687 ރުފިޔާ (އަވަހަށް ޓިކެޓު ނަގާނަމަ 1519 ރުފިޔާ)
  • ކުޅުދުއްފުށި: 1464 ރުފިޔާ (އަވަހަށް ޓިކެޓު ނަގާނަމަ 1318 ރުފިޔާ)

ކޮންމެ ފަހަރަކު ވެސް އީދު ބަންދާ ދިމާކޮށް ދަތުރުތަކުގެ އަގުބޮޑުކުރާ މައްސަލައަކީ އާންމުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ.

އީދާ ދިމާކޮށް ޓިކެޓު އަގުބޮޑު ނުކުރާނެ ކަމަށް މޯލްޑިވިއަން އިން ބުނި ނަމަވެސް މިއަހަރުގެ މާޗް މަހު ޓިކެޓު ވަނީ އަގު ބޮޑުކޮށްފައެވެ. އެއާޕޯޓްތަކުން ނަގާ ފީއަށް ގެނައި މި ބަދަލާ ގުޅިގެން މޯލްޑިވިއަނުން ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގުވަނީ ބޮޑުކޮށްފައެވެ. ޓިކެޓްގެ އަގަށް ގެނައި މި ބަދަލުތަކާއެކު ގިނަ ދަތުރުތަކުން ބޮލަކަށް 70 ރުފިޔާގެ އިތުރުވުމެއް ވަނީ އައިސްފައެވެ.

މިދިޔަ އަހަރު މޯލްޑިވިއަނުން އެ އެއާލައިނުގެ އުދުހުންތަކުގެ އަގު ބޮޑު އީދާ ދިމާކޮށް ވަނީ ބޮޑުކޮށްފައެވެ. މޯލްޑިވިއަން އިން އޭރު ބުނީ، ޓިކެޓުގެ އަގު ބޮޑުކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، ޖެޓްފިއުލްގެ އަގު ވެސް އުފުލިގެން އެހެން ގޮތެއް ނެރިގެން ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތަށް ތިރިކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބު ދާދި ކައިރިވެފައިވާ މި ދަނޑިވަޅުގައި ޓިކެޓުތަކުގެ އަގު ބޮޑު ކުރުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.