ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ތަންދޮރު ދެނެވަޑައި ނުގަންނަވާ ނުވަތަ ކަންކަން ރޯ ނުފިލާ ހުރި ބޭފުޅެއް ނޫނެވެ. އެހާމެ ގިނައިން ފޮތް ވިދާޅުވާ އަދި އުސޫލީ ބޭފުޅެކެވެ. ޑިކޮމްރަސީގެ އުސޫލުތަކާއި އަސާސްތައް ނަގަހައްޓަައި ހުދުމުހުތާރު ކަން ނައްތާލަން ވަކާލާތު ކުރެއްވި ބޭފުޅެކެވެ. މީހުންނާ ގުޅޭ، ހަލަނި ބޭފުޅެކެވެ.
އެހެނަސް މިއަދު 'މައިނޯރިޓީ ލީޑަރު' ހެދިވަޑައިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އެ ނަޝީދެއް ނޫނެވެ. މާ ބޮޑަށް 'މަވެތި' ވެގެން އުސޫލުތަކާއި ގަވާއިދުތަކުގެ ބޭރުން ކުޅުއްވި ބޭފުޅެކެވެ. 'ޑިމޮކްރަސީގެ ބައްޕަ' މިއަދު ފެނުނީ މުޅިން ތަފާތު ކޮށެވެ.
ވެރިކަމާ ހެދި ގޮތް ހުސްވެ، އެކުވެރި 'ދޯސްތް'، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ޖެހިވަޑައިގެން އަބުއި އެތައް ވާހަކަތަކަކާއި ތުހުމަތުތަކެއް ފެންމަތި ކުރައްވަމުން، އެންމެ ފަހުން ޕާޓީވެސް ގެއްލި ދިޔައީއެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ތެރޭގައި ކައްޗަށް ދުއްވަން ހައްދަވައިގެން ޕާޓީގައި ލީ ރެނދު ފުޅާވަމުން ފުޅާވަމުން ގޮސް އިއްޔެ އަކީ ފަޅައިގެން ދިޔަ ދުވަހެވެ.
"ފިކުރެއްގެ ދިރުން" ޖަހައިގެން ކައްޗާ ދުއްވާތާ 2-3 އަހަރު ވެ، އެއްބައެއްގެ 'ރިހޭ ދަތުގައި ރިހި ރިހި' އެ ވޭނެއްގައި ތިއްބާ އިއްޔެ އަކީ އެ ވޭނުން ސަލާމަތްވި ދުވަހެވެ. އެއީ ފިކުރެއްގެ ދިރުމުގެ 12 އެމްޕީ އަކު އެމްޑީޕީން ވަކިވުމާއެކު އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން ވިދާޅުވީ ޖުމްލައެއްގެ ގާތްގަނޑަކަށް އެއް ތަރުޖަމާއެކެވެ. ފައްޔާޒު ވިދާޅުވީ އެ 12 މެންބަރުންނަކީ ނުވަތަ އެ ވަކިވި ޓީމަކީ ވޭތުވެ ދިޔަ 3 އަަހަރެއްހާ ދުވަހުވެސް ސަރުކާރަށް އެއްބާރުލުމެއް ދެއްވި ބައެއް ނޫން ކަމަށާއި އެހެން ކަމުން އެއީ "ރިހޭ ދަތެއް ހެނދުނު ވެއްޓުން" ފަދަ ކަމެއް ކަަމެށެ.
ދަތުގައި ރިހުމާއި އެ އަޅާ ވޭނަކީ ދަތެއް ހުރި ކޮންމެ މީހަކު ކޮށްފައި އޮންނާނެ އިހުސާސެއް ކަމުން އެވާހަ ނުދައްކާ މިއަދު މަޖިލީހުގައި ނަޝީދު ކުރެއްވި ކަންތަކަށް ބަލާލާނަމެވެ.
އިއްޔެ 12 މެންބަރުން ވަކި ވުމުގެ ކުރިން، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ވަނީ ޕާޓީން ކަނޑާލާފައެވެ. އޭނާ ކަނޑާލިކަން އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހަމަ އެ ދުވަހު އެންގިއެވެ. އެއާއެކު މަޖިލީހުގައި އޮންނަ ޕާޓީ ދަފްތަރުންް އޭނާގެ ނަން އުނިކުރިއެވެ.
އޭގެ 1 ދުވަސް ފަހު، އިއްޔެ 12 މެންބަރުން ޕާޓީން އަމިއްލައަށް ވަކިވިއެވެ. އެ މެންބަރުން ވަކި ވުމާއެކުވެސް އިލެކްޝަނުން މަޖިލީހަށް ވަނީ އަންގާފައެވެ. ވަކިވެއްޖެ ކަމާއި އެއީ ޕާޓީއެއްގެ ހައިސިއްޔަތެއް އޮތް މެންބަރުން ނޫން ކަމެވެ.
ނަމަވެސް މިއަދު މަޖިލީސް ފެށިގެން، އެ ޒުވާބު އެހެން ބައެއް މެންބަރުން ދެއްވަން ފެށްޓެވީމައި ރިޔާސަތުގައި އިންނެވި 'ފިކުރެއްގެ ލީޑަރު' ވިދާޅުވަނީ، ހޯހޯއޭ ތިޔަހެން ތިޔަކަން ވާކަށް ނެތޭއެވެ. އަސްލު އިބާރާތުން ދަންނަވާ ނަމަ ނަޝީދު ވިދާޅުވީ، 12 މެންބަރުން ވަކިވެއްޖެ ކަމަށް އިލެކްޝަނުން އަންގާފައި އޮތަސް ވެސް މަޖިލީހުގެ ޕާޓީ ދަފްތަރުން އެ 12 މެންބަރުން އުނި ކުރެވޭނީ އެ ބޭފުޅުން އަމިއްލައަށް، ތިމަންމެން ވަކިވެއްޖައިމޭ ވިދާޅުވެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވީމާ ކަމަށެވެ.
މަޖިލީހުގެ ގަވައިދާވެސް މުޅިން ހިލާފު އެ ރޫލިން އަމިއްލަފުޅަށް ނެރުއްވީ ގައިމުވެސް މަޖިލީހުގެ ގަވައިދުގެ 34 ވަނަ މާއްދާގައި އޮތް އެއްޗެއް އެނގިވަޑައިނުގެނެއް ނޫނެވެ. އެ މާއްދާގެ (ށ) ގައި އޮންނަނީ: މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި އެ ޕާޓީ އަށާއި އިލެކްޝަންސް ކޮމިޝަނަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ. މިފަދަ ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ 7 ދުވަސް ތެރޭގައި އެ މެންބަރަކު އެ ޕާޓީއަކުން ވަކިވީކަން މަޖިލީހުގެ ރައީސަށް އިލެކްޝަންސް ކޮމިޝަނުން އަންގަންވާނެއެވެ.
މަޖިލީހުގެ ގަވައިދުތަކަށް ވެސް، އަދި އަސާސީއަސް ވެސް ފަރިތަ ބޭފުޅަކު މިފަދަ ކަމެއް ކުރެއްވުމުން، ދެން ޑިމޮކްރެޓިކް 'ފިކުރެއް' ދިރުވޭނެ ގޮތަކާ މެދުވެސް މިހާރު ސުވާލު އުފެދެއެވެ. އާޒިމް ވަކިވެފައި ވާކަމަށް ކަނޑައެޅި ގޮތަށް 12 މެންބަރުން ވަކިވެފައި ވާ ކަމަށް ކަނޑައަޅަން ކެރިވަޑައި ނުގަތުމުން ހުދުމުހުރާތު 'ފިކުރެއް' ނޫންތޯ ސުވާލު އެބައުފެދެއެވެ. އެހެން ނޫންނަމަ ދެން އެއްގޮަތަކަށް އަމަލު ކުރައްވަން ވީތާއެވެ. ހަސަނަށް ގޮތެއް ހުސައިނަށް ގޮތެއް ހަދާކަށް ނުޖެހޭތާއެވެ. ފަހަރުގައި މިއަދު އެ ރޫލިން ނެރުއްވާ މުގުރު ޖެއްސެވީ، އެ 12 މެންބަރުން ދަފްތަރުން އުނިވެ ކޮމިޓީތަުގެ ހައިސިއްޔަތު ގެއްލި، ފިކުރެއްގެ ޕާޓީ ނުވަތަ ކޮންޒަވޭޓިވް ފިކުރު އުފަންވާން ނަގާ ވަގުތާ ހަމައަށް ދަންމާލުމަަށެވެ. އެހާތަނަށް ހިފަހައްޓައިގެން، މަޖިލީހުގެ ތަޅުމުން ބަހުސަށް ޕާޓީތަކަށް ދޭ ވަގުތު، އެ މެންބަރުންނަށް ދެއްވުމުގެ ބޭނުންފުޅުގައެވެ.
މިއަދު ތަޅުމުގައި ޖެހުނު އެއް މައްސަލައަކީވެސް އެޔެވެ. ދަފްތަރުން އުނި ނުކޮށް، އެމްޑީޕީގެ ބަހުސްގެ ވަގުތު ފިކުރެއްގެ މެންބަރުންނަށް ދެއްވުމުންނެވެ.
އެހެންވީމައި އާޒިމް އަށް ގޮތެއް، 12 މެންބަރުންނަށް ގޮތެއް ހައްދަވައިވެން މިކުރެއްވީ ކީއްހެއްޔެވެ.
ތިޔައީ ޑިމޮކްރަޓިކް މީހެއް ނޫނެވެ. ތިމާ ބޭނުންވާ ގޮތަށް ކަންތައް ދާނަމަ ރަގަޅު މީހެކެވެ. އެނޫން ގޮތަކަށް ވެއްޖެނަމަ ކޮހެކެވެ.
ފިކުރުގެ ފޭރާދަތް ވަކިވާކަށް ނުކެރި ލޭބްންއިނީ ފިކުރުޕާޓީއަށް ލަޑުދީފަ ހަހަހަ
އަމިއްލަ އެދުން ވަކިވަރަކަށް ވުރެ ބޮޑުވެ ހަދާނެ ގޮތް ހުސްވީމައި އެޅޭނީ ޅައިހަލުން ޅައެތި މިއީ މިގޮތަށް އުޅޭ ކޮންމެ މީހަކަށްވެސް ވާނެގޮތެވެ