މި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލައި ތާއީދު ހޯދުމުގެ މަސައްކަތަށް އެމްޑީޕީއިން އަތޮޅުތެރެއަށް ފުރައިފިއެވެ.

މި ދަތުރުތަކުގައި އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ ބޭނުމަށް ރަށްރަށުގެ ޓީމުތަކާއެކު މަޝްވަރާ ކުރަން ހަމަޖެހިފައި ވާ އިރު އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ޕާޓީގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ އަތޮޅުތެރެއަށް ފުރުއްވާފައެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ ދަތުރުތަކުގައި ޕާޓީގެ ހަރަކާތްތައް މިހާރަށް ވުރެ ބާރަށް ކުރިއަށް ގެންދިއުމާއި އިތުރު މެމްބަރުން ޕާޓީއަށް ވެއްދުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ހަރަކާތްތައް ކުރިއަށް ގެންދަން އެ ޕާޓީއިން ނިންމާފައި ވާއިރު އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ މާލެއިން 400 އާ ގާތްކުރާ އަދަދަކަށް މެންބަރުން ރަށްރަށަށް ދާނެ ކަމަށާއި ރަށްރަށުން އިތުރު 600 މީހުން މާލޭ ޓީމުތަކާ ބައިވެރިވާނެ ކަމަށެވެ. މި ދަތުރުތަކުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދާން ވަނީ ނިންމާފައެވެ.

އެމްޑީޕީއިން މި ހަރަކާތްތައް ފަށާފައި ވާއިރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި ހިމެނިވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ވަނީ ޕާޓީއިން ވަކިވެފައެވެ. އަދި އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވާ ކަމަށް އިއުލާން ކުރުމާއެކު، އެ ފިކުރަށް ތައީދު ކުރާ އެމްޑީޕީގެ ބައެއް މެންބަރުން ޕާޓީން ކެނޑެމުންވެސް އެބަދެއެވެ.

ކެމްޕެއިން ހަރަކާތެއްގައި ރައީސް ޔާމީން މީގެ ކުރިން ކުރެއްވި ދަތުރުފުޅެއް

އެމްޑީޕީއިން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމުގެ ކެމްޕެއިން ހަރަކާތްތައް މި ހަފްތާ ބަންދުގައި ފެށިގެން ދާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ޝަރީއަތުގެ ކަންކަން ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމަށް ދޫކޮށްލުމަށް ފަހު ހަލުވިކަމާއެކު އެމަނިކުފާނުގެ ކެމްޕެއިނުގެ މަސައްކަތް ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕުގެ މަޝްވަރާތަކަށް ފަހު މިހަފްތާ ބަންދުން ފެށިގެން ކޮންމެ ހަފުތާ ބަންދެއްގައި ވެސް ޕީޕީއެމްގެ ޓީމުތައް އަތޮޅު ތެރެއަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާ އެކު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.