ރ. މަޑުއްވަރީގެ ގެއެއްގެ ތެރޭގައި ގޭސްފުޅިއެއް ގޮވައިގެން ހިނގި ހަދިސާއެއްގައި ފިހުނު އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ މި ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ 40 އިންސައްތައާ 45 އިންސަތަ ފިހިފައިވީ ނަމަވެސް ފަރުވާއަށް ފަހު މަޑުމަޑުން ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ. "ރޭ ދަންވަރު ބަލާލިއިރު ވަރަށް ބޮަޑަށް ރަނގަޅު. މިހާރު ރެސްޕޯންޑްވެސް ކުރޭ." އުނގޫފާރު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރ. މަޑުއްވަރީ ކައުންސިލުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާ އާކީ އެގޭގައި ކުއްޔަށް އުޅޭ މީހެއް ކަމަށެވެ. އަދި މި ހާދިސާ ހިނގިއިރު އެގޭގެ ވެރި ފަރާތުންވެސް ދިރިއުޅެމުން ދިޔައީ އެތަނުގައިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެގޭގައި ދިރިއުޅޭ އިތުރު މީހަކަށް އަނިޔާވެފައި ނުވާކަމަށް ކައުންސިލުން ބުންޏެވެ. އިތުރަށް ކައުންސިލުން ބުނީ މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބަނދިގޭގެ ސީލިނިގް ހަލާކުވެފައިވާކަމަށާއި އިތުރު މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

މަޑުއްވަރީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނީ، އެ ރަށު ހޮސްފިޓަލުގައި މަސައްކަތްކުރާ އުމުރުން 36 އަހަރުގެ ނަރުހެކެވެ.