ހޫނުވުމުގެ ސަބަބުން ޑީހައިޑްރޭޓްވެ، ސަންސްޓްރޯކް އަދި ބޮލުގައި ރިއްސުން ފަދަ ކަންކަން މެދުވެރިވެ، ސިއްހަތަށް ބުރޫއަރައެވެ. އެކަން ހައްލުކޮށް، ހަށިގަނޑަށް ތާޒާކަން ގެނައުމަށް ކަރާ ފަންޏަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށް ސިއްހީ ދުޅަހެޔޮކަމުގެ ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން އެންމެ ކަރާ ފަނި ތަށްޓަކުންވެސް ފުރިހަމަ އަސަރު ކުރުވާ ކަމަށް ބުނެއެވެ.

އެޕޯލޯ ސްޕެކްޓްރާ މުމްބާއީގެ ޑައިޓިޝަން ފައުޒިއްޔާ އަންސާރީ ބުނީ ޑީހައިޑްރޭޝަނަކީ ބޮލުގައި ރިއްސުމަށް މެދުވެރިވާ އާންމު ސަބަބެއް ކަމަށެވެ. އެހެންކަމުން ފެން ބުއިމުން ނުވަތަ ފެން އެކުލެވޭ ކާނާާ ކެއުމުން ޑީހައިޑްރޭޝަންގެ ސަބަބުން ދިމާވާ ބޮލުގައި ރިއްސުން ހުއްޓުވުމަށް ނުވަތަ ލުއިކޮށްދޭނެއެވެ. މީގެ އިތުރުން، ކަރާގައި އެކުލެވޭ އެމިނޯ އެސިޑް ސިޓްރޫލިން އިން ލޭހޮޅިތަކަށް ލުޔެއް ހޯދައިދީ، ލޭ ދައުރުވުން ރަނގަޅުކޮށްދީ، ބޮލުގައި ރިއްސުމުގެ ސީރިއަސްކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ.

"ހުރިހާ ވައްތަރެއްގެ ބޮލުގައި ރިއްސުމަށް ވެސް ކަރާ ފަންޏަކީ ފަރުވާއެއް ކަމުގައި ނުވި ނަމަވެސް، މިއީ ޑީހައިޑްރޭޝަނާ ގުޅުންހުރި ބޮލުގައި ރިއްސުން ފިލުވައިދޭ ތާޒާ އަދި ހައިޑްރޭޓިން ބުއިމެއް" ފައުޒިއްޔާ ބުންޏެވެ.

މީގެ އިތުރުން ކަރާ ފަންޏަކީ ލޭގެ ޕްރެޝަރު ރެގިއުލޭޓްކޮށް، ހަންގަނޑު ހައިޑްރޭޓްކޮށް މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ. "މީގެ އިތުރުން އޭގައި އެކުލެވޭ ޕޮޓޭސިއަމްގެ މާއްދާއަކީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ އަދި ހަންގަނޑާއި އިސްތަށިގަނޑު ރަނގަޅު ހާލަތުގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެއް" ފައުޒިއްޔާ ބުންޏެވެ.

ޒައިނޯވާ ޝަލްބީ ހޮސްޕިޓަލްގެ އިންޓާނަލް މެޑިސިން އެކްސްޕާޓް ޑރ އުރްވީ މަހޭޝްވަރީ ބުނީ 1 ޖޯޑު (154 ގްރާމް) ގެ ސާވިންއެއްގައި ބައިތަށި (118 މިލިލީޓަރު) އަށް ވުރެ ގިނަ ފެން ހިމެނޭ ކަމަށާއި އޭގެ އިތުރުން ބައެއް ފައިބަރާއި، ވިޓަމިން ސީ، ވިޓަމިން އޭ އަދި މެގްނީޒިއަމް ފަދަ މުހިއްމު ގިނަ ނިއުޓްރިއަންޓްސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކެލޮރީސް މަދު އިރު، އެއް ތަށިން ލިބެނީ އެންމެ 46 ކެލޮރީއެވެ. ފެނުގެ ބާވަތްތައް ގިނަވުމުގެ ސަބަބުން، ކަރާގައި ވެސް ކެލޮރީ ޑެންސިޓީ ވަރަށް ކުޑައެވެ. އޭގެ މާނައަކީ، ކަރާގައި ކެލޮރީސް ހުންނަނީ ވަރަށް މަދުންނެވެ.

ފައުޒިއްޔާ ފާހަގަކުރި ގޮތުގައި ކެލޮރީ ޑެންސިޓީ ދަށް ކާނާގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދީ، ބަނޑުހައިހޫނުކަން ކުޑަކޮށްދެއެވެ. "މީގެ އިތުރުން ކަރާއަކީ ލައިކޯޕީން ފަދަ ބާރުގަދަ އެންޓިއޮކްސިޑެންޓް ތަކުން މުއްސަނދި އެއްޗެއް. މި ކޮމްޕައުންޑަކީ ހިތުގެ ބަލިތަކާއި ހަކުރު ބަލި ފަދަ ބަލިތަކާ ގުޅިފައިވާ ސެލްތަކަށް ލިބޭ އޮކްސިޑޭޓިވް ގެއްލުން ކުޑަކުރުމުގެ ގާބިލުކަން ހުރި ކޮމްޕައުންޑެއް،" ފައުޒިއްޔާ ބުންޏެވެ.

ކަރާ ފަނީގެ ބަދަލުގައި ކެއުމުގައިވެސް ކަރާ ބޭނުންކުރެވިދާނެއެވެ. އަދި ސެލެޑް ފަދަ ތާޒާ ނާސްތާއެއްގެ ގޮތުގައި ވެސް ކެއުމުގައި ބޭނުންކުރެވިދާނެއެވެ.