އެމްޓީސީސީ ހުނަވަރު ޕްރޮގްރާމްގެ ދަށުން ވެލްޑަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމަށް އޯޕަން ސެޝަންތަކެއް 3 އަތޮޅެއްގައި ބާއްވާގޮތަށް ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ، އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ 18 މެއި އިން 27 މެއިގެ ނިޔަލަށް ލާމު އަތޮޅާއ،ި އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީގައި ކަމަށެވެ. އަދި މުސްތަގުބަލުގައި ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައިވެސް އެމްޓީސީސީ ހުނަވަރު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމް މެދުވެރިކޮށް "ވެލްޑާ – ހުނަވަރު ޓްރެނީ" މަގާމުގެ 15 ވެލްޑަރުން ތަމްރީން ކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެމްޓީސީސީގެ އިންޖިނިއަރިން އެންޑް ޑޮކިން ޑިވިޒަނަށް ބޭނުންވާ ވެލްޑަރުން ހޯދުން ކަމަށެވެ. 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގުރާމުގައި ރާއްޖޭގައި ތަމްރީންވުމަށްފަހު ވަޒީފާއަށް ހޮވާ ފަރާތްތަކަށް ކުރިމަގުގައި ރާއްޖޭން ބޭރުގައި ތަމްރީންވުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ޕްރޮގްރާމްގައި ބޮޑަށް އަޙައްމިއްޔަތުކަން ދޭނީ އިންޑަސްޓްރިއަލް ވެލްޑިންގެ ފަންނު ތަރައްގީ ކުރަން ކަމަށާއި އެގޮތުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރުމާއި ބަނުމުގައި ކުރާ ވެލްޑިންގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ދެ ޖިންސުގެ 25 އަހަރުން ދަށުގެ ބައިވެރީންނަށް ހުޅުވާލާފައިވާ ކަމަށެވެ. މިޕްރޮގްރާމަށް ކުރިމަތިލާ ފަރާތަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރި ފަރާތަކަށް ވާންޖެހޭއިރު އެއްގަމާއި ކަނޑުމަތީގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަންހުރ،ި ކަނޑުމައްޗަށް ފަރިތަ މީހެއްގެ އިތުރުން ހިސާބ،ު ފިޒިކްސ،ް ކެމިސްޓްރީ ހިމެނޭހެން އޯ ލެވެލް 3 މާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް 5,000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސަކާއި 3,000 ރުފިޔާގެ އެކޮމޮޑެޝަން އެލަވަންސެއް ދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޓްރައިނިން ޕްރޮގްރާމް ކުރިއަށްދާނީ ތިލަފުށީގައި ހުންނަ އެމްޓީސީސީ ބޯޓުޔާޑްގައެވެ.