ދިވެއްސަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ޖިންސީ ފުރައްސާރަ ކުރުމާއި ނުރުހުމުގައި މީހެއްގެ ގައިގައި އަތްލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މުހުތާރު އަންސަރީ، ނަމަކަށް ކިޔާ މީހެކެވެ.
އޭނާ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައ ނުވަތަ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މީގެ ކުރިން ވެސް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އިންޑިއާ މީހުން ވަނީ ހަައްޔަރުކޮށްފައެވެ. ހާއްސަކޮށް އިންޑިއާ ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާކުރާ މައްސަލަ ވަރަށް ގިނައިން ފެންމަތިވެއެވެ.
މިފަދަ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް ފިޔަވަޅު ނާޅާ ކަމުގެ ތުހުމަތު ކުރަމުންދާއިރު ބައެއް މައްސަލަތަކުގައި އެމީހުން ޑީޕޯޓްކޮށްލާފައިވެސް ވެއެވެ.
އެގޮތުން މިދިޔަ ފެބްރުއަރީ މަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށް، މައްސަލަ ކޯޓުގައި އޮތްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާ ކަމަށް ބުނެ އިމިގްރޭޝަނުން ވަނީ އެމީހާ ޑީޕޯޓް ކޮށްލާފައެވެ.