އަންނަ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 18 ޝަކުވާއެއް ހުށަހަޅާފައިވާ ކަަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އީސީން ބުނީ، މިހާތަނަށް 18 ޝަކުވާއެއް ހުށަހަޅާފައިވާ އިރު އޭގެތެރޭގައި މަރުވެފައިވާ މީހުންގެ ނަން ހިމެނިފައި އޮތުމުން 12 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން 18 އަހަރު ނުފުރޭ ކުއްޖެއްގެ ނަން ހިމެނޭ ޝަކުވާއަކާއި ލިސްޓުގައި ނަން ނެތުމުގެ 3 ޝަކުވާއަކާއި ދާއިމީ އެޑްރެސް އާ ގުޅިގެން 2 ޝަކުވާއެއް ހުށަހަޅާފައިވާ ކަަމަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވާ ގޮތުން 282،755 މީހުންނަށް ވޯޓުލުމު ހައްގު ލިބެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ.

30 ދުވަހުގެ މުއްދަތެއް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ އިރު، އެ މުއްދަތު ހަމަވާ ތާރީހަކީ އަންނަ މަހުގެ 2 ވަނަ ދުވަހެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތުގައި ހާއްސަ ސަމާލުކަމެއް ދީގެން ޝަކުވާ ހުށަހެޅުމަށާއި، އާންމު ފަރުދުންނާއި، ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އަންނަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

އެ އިންތިހާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލާނީ އަންނަ ޖުލަ މަހުގެ 23 އިން އޯގަސްޓު މަހުގެ 3 އަށެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އޮގަސްޓް 9 ވަނަ ދުވަހުގައި އިުއލާން ކުރަން ވަނީ ހަމަޖެހިފައެވެ. އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ލިބޭ މުއްދަތަކީ އޮގަސްޓް 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރުގެ 8 ވަނަ ދުވަހަށެވެ.