ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުން ރާއްޖެއަށް ގެއްލުންވި ކަމަށާއި މި ސަރުކާރު ބަދަލުވުމުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން ވިދާޅުވީ، ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މުނައްވަރު ވިދާޅުވީ، އިޓްލޮސް ގަވާއިދުތައް ފެންނަން އޮތް އިރު، އޭގައި އިސްތިއުނާފް ކުރެވޭނެ ހާލަތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތް ކަމަށެވެ. މާދަމާ ވެސް ސަރުކާރު ބަދަލުވެއްޖެއްޔާ އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ހުރި ކަންބޮޑުވާ ކަންކަން ހިއްސާ ކުރައްވަމުން މުނައްވަރު ވިދާޅުވީ، ދިވެހި ދައުލަތާ ދެކޮޅަށް މައްސަލަ ހުށަހަޅައިގެން އުޅޭ ގައުމު [މޮރިޝަސް] އަށް ޖޫރީސްޓިކްޝަން ނެތް ތަނެއް ކަމަށެވެ. އިން ވަކިކުރުމުގެ މައްސަލައާ ގުޅިގެން ބަހުސް ކުރުންތައް ކުރިއަށް ގެންދިޔަ އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވުމުން އެކަމާ މުނައްވަރު ވަނީ ސުވާލު އުފައްދަވާފައެވެ.

"ދުނިޔޭގެ އެއްވެސް ގައުމަކުން މޮރިޝަސްގެ ބޮޑުވަޒީރަށް ސީޓީ ފޮނުވީތޯ އަދި ކިހިނެއްވެގެން ތޯ ރައީސް ސޯލިހް ސިޓީފުޅެއް ފޮނުވަން ޖެހި ވަޑައިގަތީ" މުނައްވަރު ސުވާލު އުފެއްދެވިއެވެ. އަދި އެ ސިޓީފުޅު ސިއްރު ކުރައްވާތީ އެކަމާ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ދިފާއުގައި ވަކާލާތު ނުކުރާ ކަމަށް މުނައްވަރު ތުހުމަތު ކުރައްވައެވެ. އަދި އެ މައްސަލަ ކުރިއަށް ދިޔަ އިރު އިން ވަކިކޮށްފައި ނުވާ ކަަމަށް ބުނެ ދައުލަތުން ދެއްކި ވާހަކަތަކަށް މުނައްވަރު ރައްދު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ ދެ ފަރާތުންނާއި އުތުރުންނާއި ދެކުނުން ވެސް އިން ވަކިކޮށް ރޮނގު ދަމާފައިވާ ކަަމަށެވެ.

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިން ކަނޑައެޅުނީ އެންމެ ފުރަތަމަ އިބްރާހިމް ނާސިރުގެ ރައީސް ކަމުގައި ކަމަށް މުނައްވަރު ފާހަގަ ކުރެއްވިއެވެ. އެއަށް ފަހު އާކިޕެލެޖިކް ސްޓޭޓަކަށް ބަދަލުކޮށްފައި އެއާ ގުޅިގެން ކަނޑުގެ ސަރަހައްދުތައް އަލުން ކަނޑައެޅީ ކުރިން ކަނޑައެޅި ސަރަހައްދަށް ވުރެ އިތުރު ކުރެވޭތީ ކަމަށް މުނައްވަރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ދިފާއުގައި ހެދިފައިވާ ގާނޫނުގައި ކަނޑައެޅިފައިވާ ސަރަހައްދުގެ ދިފާއުގައި ދައުލަތުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑުގެ އިން ވަކި ކުރުމަށް ދިވެހި ދައުލަތާ ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހެޅުމުން އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރި ކަމަށް މުނައްވަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދިޔަ ގޮތުން އެއީ އިންސާފްގެ އުސޫލުން ނިމިގެން ދިޔަ މައްސަލައެއްގެ ގޮތުގައި ބެލޭނެ ޖާގައެއް ނެތް ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މި މައްސަލަ އާ ގުޅިގެން އެ އިއްތިހާދުން ވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައެވެ. އަދި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިއްތިހާދުން ބުނެފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މެންބަރުންގެ ސޮއި ހަމަކޮށްފައިވާ ކަަމަށާއި މާދަމާ އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހް އަޒުލް ކުރުމަށް ހުށަހެޅުމަށް ސޮއި ހަމަކުރަމުން އަންނަ ކަމަށް ވެސް އެ އިއްތިހާދުން ބުނެފައި ވެއެވެ.