އިޒްރޭލާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކަށް 4 ދުވަސް ވީ އިރު، ފަލަސްތީނުން ފޮނުވާލި ރޮކެޓެއް އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމީހުން ބަލާ ޖަރޫސަލަމާ ކައިރިއަށް ފޯރައިފިއެވެ.

ގާތްގަނޑަކަށް 16 ކިލޯ މީޓަރެއްހާ ދުރުމިނުގައި އޮންނަ ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ ބަތް އައިން އަށް މި ރޮކެޓް ވެއްޓުނު މިއީ ފަލަސްތީނާއި އިޒްރޭލުގެ ހަނގުރާމައިގެ ތާރީހުގައިވެސް އިޒްރޭލުގެ އެހާ އެތެރެއަށް ހަމަލާއެއް ފޯރި ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ގާއިމު ކޮށްފައި ހުންނަ އަޔަން ޑޯމް ނުވަތަ ދަގަނޑު ދާގަނޑުގެ ސަބަބުން ފަލަސްތީނުން ފޮނުވާ ގިނަ ރޮކެޓްތައް ވައިގެ ތެރޭގައި ގޮވައެވެ. އިޒްރޭލުގެ ދިފާއީ ނިޒާމުތަކުން އެ ރޮކެޓްތަކަށް ހަމަލާ ދީ ގޮއްވާލައެވެ. ނަމަވެސް ފާއިތުވި 4 ދުވަހަކީ، ވާރޭ ވެހޭހެން ފަލަސްތީނުން އިޒްރޭލަށް ރޮކެޓް ފޮނުވަމުން ދާ 4 ދުވަސް ކަމަށް ވާއިރު، އަޔަން ޑޯމަށް ކަތާވަރަށް ވުރެ ގިނަ ވުމުން ބައެއް ރޮކެޓް އެ ދާގަނޑު ފޫއަޅުވާލާފައި ދެއެވެ. އެހެން ދިޔަ ބައެއް ރޮކެޓްތައް މީހުން ދިރިއުޅޭ އެހެން ބައެއް ސަރަހައްދުތަކަށް ވެސް ވެއްޓިފައި ވާ އިރު ބައެއް އިމާރާތްތަކުގައި ރޯވެފައިވެސް ވެއެވެ. ނަމަވެސް ފަލަސްތީނުގެ ގިނަ ރޮކެޓް ވައިގެ ތެރޭގައި ގޮވުމުގެ އިތުރުން ވެއްޓެނީ މީހުން ނޫޅޭ ހުސް ބިންތަކަށެވެ.

މި ރޮކެޓް (ޖަރޫސަލާމާ ގާތަށް ވެއްޓުނު ރޮކެޓް) ވެއްޓުމާއެކު އިޒްރޭލުން ވަނީ ބަދަލު ހިފަން ފަލަސްތީނަށް ވަގުރަދަ ހަމަލާތަކެއް ދީފައެވެ. އިޒްރޭލުން ބުނާ ގޮތުން އެ ހަމަލާތައް އަމާޒު ކުރީ އިސްލާމިކް ޖިހާދު ގެ މަގާމުތަކަށެވެ.

ހުސްވި އަންގާރަ ދުވަހު ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 31 މީހަކު ވަނީ ޝަހީދުވެފައެވެ. އިޒްރޭލުން މަރުވީ އެންމެ މީހެކެވެ. ފަލަސްތީނު ފަޅިން ޒަހަމްވި މީހުންގެ އަދަދު 500 އާ ގާތް ކުރާ އިރު އިޒްރޭލުން ޒަހަމްވީ 5 މީހެކެވެ.

މުރާސިލުން ބުނާގޮތުގައި، މިއީ މީގެ ކުރިން އިސްލާމިކް ޖިހާދަށް ނުހޯދޭ ވަރުގެ ބޮޑު ކާމިޔާބީއެކެވެ. އަދި މިއީ ވަރުގަދަ މެސެޖެއް ކަމަށާއި މިކަމުން އިޒްރޭލު ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ވެސް ބުނެއެވެ.

އިޒްރޭލުން މިއަދު ހަމަލާތައް ދޭން ފެށީ ރޭ އިސްލާމިކް ޖިހާދުން ހަމަލާއެއް ދީގެނެއް ނޫނެވެ. މިސްރު މެދުވެރިވެގެން ދެފަރާތް ސުލްހަ ކުރުމަށް މަސައްކަތް ފަށާފައި ވާ އިރު އިއްޔެއިން ފެށިގެން އޮތީ މަޝްރަހަށް ކުޑަ ފިނިކަމެއް އައިސް ހަމަލާތައް މަޑުޖެހިފައެވެ. ނަމަވެސް މިއަދު ހެނދުނު އިޒްރޭލުން ހަމަލާދިނުމުން އިސްލާމިކް ޖިހާދުން ވަނީ ރޮކެޓް ބަރިއެއް ފޮނުވާލާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 4 ދުވަސް މަތިން އިސްލާމިން ޖިހާދުން ވަނީ ޖުމްލަ 850 ރޮކެޓް ފޮނުވާލާފައެވެ.